ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށްލުމަށް ކުރި ޙުކުމް ބާތިލުކުރި ސްޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އެ ކޯޓުގެ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާގުޅޭ މައްސަލައެއް ބަލަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ ސުޕްރީމް ކޯޓުން ބެއްލެވި އިސްތިއުނާފަކާމެދު އެ ކޯޓުން ޙުކުމް ކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް އެ އިސްތިއުނާފުގައި ހިމެނޭ ޚަޞްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރީއްކޮޅާ ފަނޑިޔާރު މަހާޒު ހަވާލުވެވަޑައިގެންފައިވާކަމަށް ބުނާ މައްސަލައެއް ތަޙްޤީޤުކުރަން ނިންމާފައިވާ ކަމަށެވެ.
މި މައްސަލައަކީ ރައީސް ޔާމީންގެ ޙުކުމް ބާތިލުކުރި ދުވަހު ފަނޑިޔާރުން ކޯޓުގައި މެންދުރު ފަރިއްކުޅުއްވުމުން އެއީ ޙުކުމާ ގުޅިގެން އެކަން ފާހަގަކުރުގެ ގޮތުން ބޭއްވި ފަރިއްކޮޅެއްގެ ގޮތުގައި ބަލަން ނިންމި މައްސަލައެކެވެ. ބަތް ޕާރުސަލްތައް ގެނައީ ޕީޕީއެމްއަށް ތާއީދުކުރާ މީހެއްގެ ހިއްސާ އޮންނަ ރެސްޓޯރަކުންނެވެ.
މި މައްސަލަ މަހާޒްގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކުރަން ފެންނަކަމަށް ޖޭއެސްސީން ނިންމީ އިއްޔެގައެވެ.
އެ މައްސަލަ ބަލަނީ އެ ކޮމިޝަނުން އަމިއްލައަށް އިސް ނަގައިގެންކަމެއް ނުވަތަ ޢާންމު ފަރާތަކުން ހުށަހެޅި ޝަކުވާއަކާ ގުޅިގެންކަމެއް ޖޭއެސްސީއަކުން ހާމައެއް ނުކުރެއެވެ.
މަހާޒް ކުރިން ހުންނެވީ ޑްރަގް ކޯޓުގައެވެ. އޭނާ ސްޕްރީމް ކޯޓަށް ބަދަލުކުރީ 2019 ވަނަ އަހަރުގައެވެ. އެ ގޮތުން ރައީސް ޔާމީން ޖަލަށްލުމަށް ދަށުކޯޓުން ކުރި ޙުކުމް ބާތިލުކުރި ސްޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އޭނާއެވެ.