ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އެއްކޮށް ނިންމާ ނުލެވޭނެކަމަށާއި، ނަމަވެސް ދައުރު ނިމުމުގެ ކުރިން ބައެއް ފްލެޓްތަކުގަ މީހުންނަށް ދިރިއުޅެވޭވަރު ކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަބާދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމަނު މިއުވާން މުހައްމަދު ވިދާޅުވީ، ރައީސް ޞާލިޙްގެ މިދައުރު ނިމުމުގެ ކުރިން ހުރިހާ ފްލެޓްތަކަށް މީހުންނަށް ނުވަދެވުނަސް ބައެއް ފްލެޓްތަކުގަ މީހުންނަށް ދިރިއުޅެވޭ ވަރުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އަދި އެކަމުގެ ތަފްސީލް ކުރިއަށްއޮތް ދުވަސްތަކުގައި ހާމަކުރައްވާނެ ކަމަށްވެސް ތަރުޖަމާން ވިދާޅުވިއެވެ.
”ބޯހިޔާވަހިކަމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދު. ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން. އެހެންކަމުން އެކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާނެ. އަޅުގަނޑުމެންގެ ސަރުކާރުން ބޯހިޔާވަހިކަން ކަށަވަރުކޮށްދޭއިރު އެކަމާގުޅޭގޮތުން އިތުރު ސުވާލުތަކެއް ކުރިމަތިނުވާނެ ގޮތަށް އަޅުގަނޑުމެން އެކަން ކުރާނީ. އެކަން ކުރާނީ ހާމަކޮށް ދެފުށް ފެންނަ ގޮތަށް.“ މިއުވާން ވިދާޅުވިއެވެ.
ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދިނުމުގެ ގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯއްޗާއި، ގުޅީފަޅުން މަދުވެގެން 2,000 ގޯތި ދޭން ނިންމާފައިވާ ކަމަށާއި މިމަސައްކަތް މިއަހަރު ޖޫންގައި ފަށައިގެން ކުރިޔަށް ގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.
އަދި އޭގެ އިތުރަށް އެމަނިކުފާނު ވިދާޅުވީ ގިރާވަރު ފަޅު ހިއްކާ އެބިމުންވެސް މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދޭން ނިންމާފައިވާ ކަމަށާއި، ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެދާ ގޮތަށް ގޮސް ގުޅާލެވޭ ތަނަކަށް ވެގެންދާނެ ކަމުގައެވެ.
މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމާއި ގުޅޭ ގޮތުން ކުރެވުނު ކަންތަކަށް ވުރެ ގިނަ ވާހަކަ ދެއްކޭ ކަމުގެ އިޙްސާސް ކުރެވުނު ނަމަވެސް މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު އިޢުލާނުކުރެއްވި 5,000 ހައުސިންގ ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި މިހާރު ފަށައިގެން ކުރިއަށް ގެންދާ ކަމުގައި ފާހަގަކުރައްވާފައެވެ.
އަދި، އިތުރު 2,000 ހައުސިންގ ޔުނިޓުގެ މަސައްކަތް ހުޅުމާލޭގައި ފެށޭނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެއްވަރަކަށް ވެސް ނުނިމޭނެ
ބަހާ އަމަލާ ދިމާ ނުވާކަން ވަރަށް ދެރަ