މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ. އަތޮޅުގެ ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.
އެ އޮޕަރޭޝަންތަކުގެ ތެރެއިން ވެލިދޫގައި މިއަދު ހިންގި އޮޕަރޭޝަނުގައި 34 އަހަރުގެ އަންހެނަކު ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ.
ނޮވެމްބަރ 30 ވަނަ ދުވަހު މަނަދޫގައި ހިންގި އޮޕަރޭޝަނުގައި 26 އަހަރުގެ އަންހެނަކާއި 45 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ނުވަ ސެލޯފިންކޮޅު ފެނިފައިވެއެވެ.
މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ނ. ޅޮހި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ދެ މީހުންނަށްވެސް ދީފައިވެއެވެ.
މި ދެ އޮޕަރޭޝަންވެސް ހިންގާފައިވަނީ އިންޓެލިޖެންސާއި، ޑްރަގް އެންފޯސްމަންޓް އަދި ނ. އަތޮޅު ފުލުހުން ގުޅިގެންނެވެ.
މި ދެ މައްސަލަވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.