މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ މެޗެއް ބައްލަވާލެއްލުމަށް ގަތަރުގެ އަމީރުގެ ދައުވަތެއް ރައީސުލްޖުމްހޫރިޔާ އިބްރާހިމް މުހައްމަދު ޞަލިޙްއަށް ލިބިވަޑައިގެންފައިވާކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުން ބުރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ވޯލްޑް ކަޕް ބައްލަވާލެއްވުމަށް ގަތަރަށް ވަޑައިގަތުމަށް އެ ގައުމުގެ އަމީރު ޝެއިހް ތަމީމް އަލް ސާނީ ރައީސް ޞާލިޙްއަށް ދައުވަތު އަރުއްވާފައިވާކަމަށެވެ.
މިއުވާން ވިދާޅުވީ ރައީސް ގަތަރަށް ވަޑައިގަންނަވާނީ ސީދާ ކޮން މެޗެއް ބެއްލެވުމަށްކަން އަދި ނިންމަވާފައި ނުވާކަމަށެވެ.
”ވޯލްކަޕް ކޮން މެޗަކަށްކަން ރައީސް ގަތަރަށް ވަޑައިގަންނަވާނީ އަދި ބުނެލަން ދަތި. ފައިނަލް ނުވަތަ ސެމީ ފައިނަލްގެ މެޗަކަށް ރައީސް ވަޑައިގެންފާނެ. ނަމަވެސް އަދި ޔަގީންކޮށް ދަންނަވާކަން ނޭންގެ.“ މިއުވާން ވިދާޅުވި އެވެ.