ކޮސް ޓަރިކާއާއި ޖަރުމަން މިރޭ ކުޅޭ މެޗުގައި ދުނިޔޭގެ ވޯލްޑް ކަޕްގެ ތާރީޚުގައި މުޅިން އައު ރިކޯޑެއް ލިއެވިގެން ދާނެއެވެ. ސްޓެފަނީ ފްރެޕާޓް ވެގެންދާނީ ފިރިހެން ވޯލްޑް ކަޕެއްގެ ރެފްރީކަން ކުރާ ފުރަތަމަ އަންހެން ރެފްރީއަށެވެ.
މުޅި އަންހެން ރެފްރީ ޓީމަކުން ފިރިހެން ވޯލްޑް ކަޕް މެޗަކާ ފުރަތަމަ ފަހަރަށް ހަވާލުވެގެން ރެފްރީކަން ކުރާނީ މިރޭ 12.00 ގައި އަލްބައިތު ސްޓޭޑިއަމްގައި ކުޅޭ މެޗުގައެވެ. އެ މެޗުގައި ދެ ފަރާތު ރޮނގު ބަލަހައްޓާނީ ވެސް ދެ އަންހެން އެސިސްޓެންޓް ރެފްރީންނެވެ.
މިރޭ އަލްބައިތު ސްޓޭޑިއަމްގައި ކުޅޭ ގްރޫޕް އީ މެޗުގައި ފްރެޕާޓްގެ ޓީމުގައި ހިމެނޭނީ ބްރެޒިލްގެ ނޮއިޒާ ބެކް އާއި މެކްސިކޯގެ ކެރެން ޑިއާޒް އެވެ. އެސިސްޓެންޓެއްގެ ގޮތުގައި އެމެރިކާގެ ކެތުރިން ނެސްބިޓް ވެސް ހިމެނެއެވެ.
ފްރެޕާޓް އަކީ މިދިޔަ އަންގާރަ ދުވަހު ޕޮލެންޑާއި މެކްސިކޯއިން ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވި މެޗުގެ ހަތަރު ވަނަ އޮފިޝަލެވެ.
ވޯލް ކަޕް ފެށުމުގެ ކުރިން ފްރެޕާޓް ބުނެފައި ވަނީ ކުރިމަތި ވާނެ ޕްރެޝަރު އެނގޭކަމަށެވެ.

އޭނާ ބުނި ގޮތުގައި ހަމަޖެހިލައިގެން، ސަމާލުކަން ދީގެން، ފިކުރުބޮޑު ނުވެ، ރެފްރީކަން ކުރެވޭނެއެވެ.
އުމުރުން 38 އަހަރުގެ އަންހެން ރެފްރީ ބުނި ގޮތުގައި ޤަޠަރު ވޯލްޑް ކަޕްގައި އަންހެން ރެފްރީން ހިމެނުމުން ފުޅާ ދާއިރާއެއްގައި ހާމަވެގެން ދަނީ އަންހެނުންނަށް ކަންކަން ވާނެ ކަމުގެ އުއްމީދެވެ.
އަންހެން ރެފްރީންގެ ލިސްޓުގައި 36 އަންހެން ރެފްރީން ތަމްރީނުވެފައި ތިބުމަކީ ”ފީފާ“ އާއި ކަމާބެހޭ އެހެން ފަރާތްތަކުގެ ވަރުގަދަ މަސައްކަތް ހާމަކޮށްދޭ ނިޝާނެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
މިރޭގެ މެޗުގައި އެކި މަގާމުތައް ފުރާ އަންހެން ރެފްރީންގެ އިތުރަށް ރުވާންޑާގެ ސަލީމާ މުކަންސަންގާ އާއި ޖަޕާނުގެ ޔޮޝިމީ ޔަމަޝިޓާ އަކީ ވެސް ވަރަށް މަގުބޫލު ދެ އަންހެން ރެފްރީންނެވެ.
މިދިޔަ އަހަރުގެ މާޗް މަހު އެމްސްޓަޑަމްގައި ނެދަލެންޑްސް، ލެޓްވިއާ އަތުން 2-0 އިން މޮޅުވި، ވޯލްޑް ކަޕް ކޮލިފައިންގެ ރެފްރީކަމާ ހަވާލުވި ފުރަތަމަ އަންހެން ރެފްރީއަކީ ވެސް ފްރާންސްގެ ފްރެޕާޓްއެވެ.
ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އާއި ޑައިނަމޯ ކިއެވް 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބައްދަލުކުރި މެޗުގެ ރެފްރީކަން ކުރި ފުރަތަމަ އަންހެން އޮފިޝަލަށް ވުމުގެ ޝަރަފުވެސް އޭނާ ވަނީ ހޯދާފައެވެ.
ފްރެޕާޓް ވަނީ 2019 ވަނަ އަހަރު ސުޕަ ކަޕްގައި ލިވަޕޫލާއި ޗެލްސީ ބައްދަލުކުރި މެޗާއި، ހަމަ އެ އަހަރު އެމެރިކާއާއި ނެދަލެންޑްސް ބައްދަލުކުރި އަންހެން ވޯލްޑް ކަޕް ފައިނަލުގައި ވެސް ރެފްރީކަން ކޮށްފަ އެވެ.
ޖަރުމަނުން މިރޭ ކޮސް ޓަރިކާއާ ދެކޮޅަށް ނުކުންނާނީ ހަމައެކަނި މޮޅަކުން ނޫން ގޮތަކަށް ގަދަ 16އަށް ދަތުރު ކުރުމުގެ ފުރުސަތު ނުލިބޭނެކަން އެނގޭ ހާލަތެއްގައެވެ.
ބަޔާން މިއުނިކަށް ކޯޗުކަން ކޮށްދީގެން ރީތިނަން ހޯދި ހަންސީ ފްލިކް ކޯޗުކޮށްދޭ ޖަރުމަން ޓީމު އޮތީ ގްރޫޕް އީގެ ފުލުގައެވެ. ދެވަނައިގައި އޮތް ޖަޕާނާއި ކޮސް ޓަރިކާއަށްވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. އެއް ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދި ސްޕެއިން އެވެ.