މަސްވެރިކަމަށް ނުކުމެ އުޅުނު ”އަލިރާސްތާ-1“ ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި އުމުރުން 34 އަހަރުގެ ފަޅުވެރިޔެއްގެ ހާލުދެރަވެގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މާލޭގެ އިރުން 66 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް، ފަޅުވެރިޔާގެ ހާލު ދެރަވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިވައިވަނީ މިއަދު ހެނދުނު 07:56 ހާއިރުއެވެ.
ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ”އެފްއައިސީ ހަކުރާ“، އެ ދޯނި އޮތް ސަރަހައްދަށް ގޮސް، އެހީތެރިކަން ވަނީ ފޯރުކޮށްދީފައިވެއެވެ.
އެގޮތުން، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ”އެފްއައިސީ ހަކުރާ“ ގައި ހާލު ދެރަވި މީހާ ވަނީ މިއަދު 12:35 ހާއިރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.