މިވަގުތު އޭޑްސް ބަލި ޖެހިފައިވާ 22 ދިވެހީން އެބަތިބި ކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ނިމިދިޔަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް މިބަލި ޖެހުނު ދިވެހީންގެ އަދަދު ވަނީ 39 އަކަށް އަރާފައެވެ. އޭގެ ތެރޭގައި 6 އަންހެނުންނާއި 33 ފިރިހެނުން ހިމެނޭއިރު، މިހާތަނަށް މިބަލީގައި 15 މީހުން މަރުވެފައިވެއެވެ.
ރާއްޖެއިން އޭޑްސް ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރުއެވެ.
މި ބައްޔަށް މީހުން ހޭލުންތެރިކުރުވުމާއި ބަލިން ރައްކާތެރިކުރުމަށް ކުރަންޖެހޭ ކަންކަން ގައުމީ ފެންވަރުގައި ރާވާ ހިންގުމާއި ބަލި ޖެހިފައިވާ މީހުންގެ ފަރުވާގެ ކަންކަން ވިލަރެސްކުރުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދަނީ އެޗްޕީއޭގެ ނެޝަނަލް އޭޑްސް ޕްރޮގްރާމްގެ ތެރެއިންނެވެ.
މިއަހަރުގެ އޭޑްސް ދުވަހުގެ ޝިއާރަކީ ”އެޗްއައިވީއިން ރައްކާތެރިވުމަށްޓަކައި ޤަވާއިދުން ޓެސްޓް ކުރުން އާދަކުރަމާ“މިއެވެ.