އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރު ދަށްވެފައި ވަނީ އިންޑިއާގެ ހިމަލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމައަށް ފޯރާތީ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުން މިދާ ދުވަސްވަރު ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމައަށް ފޯރާފައިވާ ކަމަށެވެ.
އޭގެ ސަބަބުން ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގައި ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެފައިވާ ކަމަށް މެޓުން ބުނެއެވެ.
މެޓް އޮފީހުން ބުނީ އެކަން ބޮޑަށް ފާހަގަ ކުރެވެނީ ޑިސެމްބަރު މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް ކަމަށެވެ.
މި ހިރަފުހުގެ ސަބަބުން، ހާއްސަކޮށް، ނޭވާލާ ނިޒާމްތައް މައްސަލަތައް ހުންނަ ފަރާތްތަކަށް އުނދަގޫވުން ގާތެވެ. އަދި ވާރޭފެން ރައްކާކުރުމާއި ބޭނުން ކުރުމުގައި ސާފްތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމަށް މެޓް އޮފީހުން ބުނެ އެވެ.