ގިންތިކުރެވުމުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނނުމުގައި ފަސޭހަވާނެކަމެއްކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާއިން ހާމަކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތިކޮށް، އެމީހުންނަށް ދައުލަތުން ދެމުން އަންނަ އެލަވެންސް ބޮޑުކުރުމަށް ހިމަނާފައެވެ.
މިކަމާ ގުޅޭގޮތުން އެންސްޕާއިން ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތިކުރާނީ އެމީހެއްގެ ނުކުޅެދުންތެރިކަން ހުރި މިންވަރަށް ބަލައިގެން ކަމަށެވެ. އަދި އެކަން ކުރާނީ ޑޮކްޓަރުން މެދުވެރިކޮށް ކަމަށާއި، އެކަމަށް ޚާއްސަ ރަޖިސްޓްރީއެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި، ގިންތި ކުރުމުގައި ބަލާނެ ވަކި ކަންތައްތަކެއް ވެސް ހުންނާނެ ކަމަށާއި، އެކަންކަން ފައިނަލްކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށްވެސް އެންސްޕާއިން ހާމަކޮށްފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުން ގިންތި ކުރުމަކީ އެލަވަންސް ދިނުމުގެ އިތުރަށް، އެމީހުންނަށް އެތައް ފައިދާއެއް ވާނެ ކަމެއްކަން ފާހަގަކޮށް މިހާރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދިނުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވަކިވަކި މީހުންގެ ތަފްސީލްތައް ހޯދަންޖެހުންކަމަށް އެންސްޕާއިން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އެމީހުން ގިންތި ކޮށްފައި ހުރުމަކީ ބަލި މީހުން ދެނެގަނެވި، އެމީހުންނަށް ފަސޭހައި ޚިދުމަތްތައް ދެވޭނެ މަގެއް ކަމަށް އެންސްޕާއިން ބުނެފައިވެއެވެ.
އެގޮތުން އެންސްޕާއިން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ގޮނޑިއާއި، ހިއަރިން އެއިޑް އަދި އެނޫންވެސް ކަންކަން ބޭނުންވެފައިވާ މީހުން އެކަމަށް އެދުމުގެ ކުރިން އެމީހުން ދެނެގަނެވި އެޚިދުމަތް ފޯރުކޮށްދެވުން އަވަސްވުން ހިމެނެއެވެ.
މިފަރާތްތަކަށް ލިބޭ އެލަވަންސްތައް ބޮޑުކުރުމަކީވެސް ގެނެވޭ އެންމެ މުހިންމު އެއް ބަދަލްކަން ފާހަގަކޮށްފައިވެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދެމުން އަންނަނީ 2000 ރުފިޔާގެ އެލަވަންސެކެވެ.
ރާއްޖޭގެ އާބާދީގައި 36،000 އަށްވުރެ ގިނަ ނުކުޅެދުންތެރިކަމުގެ އެކި ޙާލަތު ކުރިމަތިވެފައިވާ މީހުންނަށް ސަރުކާރުން ދެއްވަމުން ގެންދަވާ އިނާޔަތްތައް ބޮޑުކުރުމަށް ނިންމަވާފައިވާކަން މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ޢިއުލާންކުރައްވާފައެވެ.
އެ ބަދަލު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު، އަންނަ އަހަރުގެ ބަޖެޓުން މި ބަޔަށް ކުރެވޭ ހޭދަ މިއަހަރަށްވުރެ %6 އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެންސްޕާއިން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީއެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަސާސީ ޙައްޤުތައް ހިމާޔަތްކޮށްދީ، އެފަރާތްތަކަށް އެހެން މީހުންނެކޭ އެއްފަދައިން ހަމަހަމަ ފުރުޞަތުތަކެއް ލިއްބައިދީ މިނިވަންކަމާއެކު ދިރިއުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި ފޯރުކޮށްދެމުންދާ ޚިދުމަތްތަކެކެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެންސްޕާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި، މާލީ އެހީ ފޯރުކޮށްދިނުމާއި، ތެރަޕިއުޓިކް ފަރުވާގެ އެހީ ދިނުމާއި، އެސިސްޓިވް ޑިވައިސް ބޭނުންވާ ފަރާތްތަކަށް އެފަދަ ތަކެތި ހޯދުމަށް އެހީތެރިވެދިނުމާއި، ސައިކޮލޮޖިކަލް އެސެސްމެންޓް ހަދައި ދިނުމުގައި އެހީތެރިވެދިނުންފަދަ އެހީތައް ހިމެނެއެވެ.