ޔޫއެން އެއިޑްސްއިން ނެރެފައިވާ ތަފާސްހިސާބަށް ބަލާއިރު، މުޅި ދުނިޔޭގެ އާބާދީއަށް ބަލާއިރު، ހަފްތާއެއްގެ ތެރޭގައި 15 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާން އަންހެނުންގެ ތެރެއިން 4،900 މީހުން އެއިޑްސްއަށް ޕޮޒިޓިވް ވާ ކަމަށް ދައްކައެވެ.
އެކުއައިޑް އިމިއުން ޑެފިސިއެންސީ ސިންޑްރޯމް (އައިޑްސް) އަކީ ފުރާނައަށް ނުރައްކާދޭ ބައްޔެކެވެ. އެއިޑްސް އާއި މެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރަމުން އަންނައިރު 1987 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ އެއިޑްސްގެ ދުވަހުގެ ގޮތުގައެވެ.
ޔޫއެން އެއިޑްސްގެ 2021 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަލަށް އެއިޑްސް ޖެހިފައިވާ 1.5 މިލިއަން މީހުން އެބަތިބިކަމަށް ހިސަބުތަކުން ދައްކައެވެ. އެއާއި އެކު އެއިޑްސްއަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 38.4 މިލިއަން އަށް އިތުރުވެފައެވެ.
ފުރާނައަށް ނުރައްކާވާ މި ބަލީގައި އެތައް ބަޔަކު ދުނިޔެ ދޫކޮށްފައިވާއިރު، ފާއިތުވި 40 އަހަރުގެ ތެރޭގައި އެއިޑްސް ޖެހިފައިވާ 84.2 މިލިއަން މީހުންގެ ތެރެއިން 40.1 މިލިއަން މީހުން ވަނީ މަރުވެފައެވެ.
އައިޑްސް ބަލީގައި އެންމެ ގިނައިން މީހުން މަރުވެފައިވާކަމަށް ރެކޯޑު ކުރެވިފައިވަނީ 2004 ވަނަ އަހަރުގައެވެ. ކޮވިޑް 19 ގެ ސަބަބުން ފަރުވާ ލިބުން ދަތިވެ 2021 އަހަރުގެ ތެރޭގައި 650،000 މީހުން މި ބަލީގައި މަރުވެފައިވެއެވެ.
ކުޑަކުދިންނަށް އެޗްއައިވީ ޖެހޭ މިންވަރު 52 އިންސައްތަ ދަށްވެ 2010 ވަނަ އަހަރު އެޗްއައިވީ ޖެހިފައިވާކަމަށް ރެކޯޑު ކުރެވިފައިވަނީ 320،000 ކުއްޖަކަށެވެ. އަދި 2021 ވަނަ އަހަރު 160،000 ކުޑަކުދިންނަށް މި ބަލި ޖެހިފައިވާކަމަށް ރެކޯޑުތަކުން ދައްކައެވެ..
މިހާތަނަށްވެސް ފަރުވާއެއް ހޯދިފައި ނުވާ އެއިޑްސް ބަލިން ރައްކާތެރި ވުމަށާއި މި ބަލި ތަހައްމަލް ކުރަމުންދާ ފަރާތްތަކަށް މިހާރު ވަނީ ކޮންމެވެސް ވަރަކަށް ފަރުވާތަކެއް ހޯދިފައެވެ.
ދުނިޔޭގައި ފާހަގަކުރާ އެއިޑްސް ދުވަހުގައި ޔޫއެން އެއިޑްސްއިން އާންމުކޮށްފައިވާ 2022 ގެ ތަފާސްހިސާބުތަކަށް ބަލާއިރު ކޮންމެ 2 މިނެޓަކުން އެއްފަހަރު 15 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާން އަންހެނުން އެއިޑްސްގެ ޝިކާރައަކަށް ވެގެންދާކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މިއަހަރު އެއިޑްސް ދުވަހުގެ ޝިއާރެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވަނީ ”ރޮކް ދަ ރިބަން“ މިޝިއާރެވެ. މިދުވަސް ރާއްޖޭގައި ރަސްމީކޮށް މިއަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ގއ.ވިލިނގިލީގައެވެ.
މިދުވަހާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް ހެލްތުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިކަމުގައި އެންމެ ބޮޑަށް އިސްކަންދޭންވީ ބަލިން ސަލާމަތްވުމަށް ދުރާލައި ބަލި އަރާފަދަ އާދަތަކުން ދުރުހެލިވުމެވެ.
ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގުމާއި މަސްތުވާތަކެތި ބޭނުންކުރުމުގައި ސިރިންޖު ބޭނުންކުރުންފަދަ ނޭދެވޭ އެތައް ކަމެއް މުޖުތަމަޢުގައި އިތުރުވަމުން ދިޔުމަކީ މިބަލި މުޖުތަމަޢުގައި އިތުރުވަމުން ދިޔުމުގެ މެދުވެރިވާ ސަބަބުތައް ކަމަށް ހެލްތުން ވިދާޅުވެއެވެ.
ކޯވިޑްގެ ތެރޭގައ ބަލި އިތުރުވުމުގެ ފުރުސަތު އޮތްކަމަށް އޭރު މިނިސްޓްރީއިންވަނީ ލަފާކޮށްފައެވެ. މިބަލި އެންމެ ފުރަތަމަ ރާއްޖެއިން ފެނިފައިވަނީ 1991 ވަނަ އަހަރުއެވެ. ހެލްތު މިނިސްޓްރީގެ ރިކޯޑުތަކުން ދައްކާގޮތުގައި މިދިޔަ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި މިބަލި ޖެހުނު މީހުންގެ ޢަދަދުވަނީ 39 އަކަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 6 އަންހެނުންނާއި 33 ފިރިހެނުންނެވެ. އަދި މީގެތެރެއިން 15 މީހަކުވަނީ މިބަލީގައި ނިޔާވެފައެވެ.
އެއިޑްސް ބައްޔަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީޓްމަންޓެވެ. މިއީ މުޅި ދުނިޔޭގައިވެސް ހިލޭ ފޯރުކޮށްދޭ ފަރުވާއެކެވެ. 2004ވަނަ އަހަރުން ފެށިގެން މިފަރުވާ އަންނަނީ ރާއްޖޭގައިވެސް ދެމުންނެވެ. ހެލްތު މިނިސްޓްރީއިން ވިދާޅުވީ މިބަލިން ރައްކާތެރިވުމުގެ ގޮތުން ދޭ ފަރުވާ ރާއްޖެއިންވެސް ދެމުން އަންނަ ކަމަށެވެ. އަދި ބަލިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅުއެޅުމުގެ ގޮތުން ބައްޔަށް ޓެސްޓުކުރުމަށް އިސްކަންދިނުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.
ރާއްޖޭގައި މިވަގުތު އެއިޑްސް ބަލީގެ 22 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.