މުޅިދުނިޔެއަށް މަޝްހޫރު ދަރުސްވެރިޔާ އަދި މަގުބޫލު ދީނީ އިލްމުވެރިއެއްކަމުގައިވާ ޒާކިރު ނައިކަށް ދައުވަތު ދެއްވައިގެން ވޯލްޑް ކަޕާ ދިމާކޮށް އޭނާ ޤަޠަރަށް ގެންދެވިކަމަށް ބުނެ އިންޑިއާގެ ފާޑުކިއުންތައް ޤަޠަރަށް ވަރަށް ބޮޑަށް އަމާޒުވެގެން ހިނގައްޖެއެވެ.
އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ތަރުޖަމާނަކު ވަނީ ވޯލްޑް ކަޕް ބޮއިކޮޓް ކުރުމަށް ސަރުކާރަށާއި އިންޑިއާގެ ފުޓްބޯޅަ އެސޯސިއޭޝަންތަކަށާއި ފުޓްބޯޅަ ސަޕޯޓަރުންނަށް އިލްތިމާސްކޮށްފަ އެވެ.
ޔޫނިއަން މިނިސްޓަރު ހަރުދީޕް ސިންގް ޕާރީ ވިދާޅުވީ އިންޑިއާއިން އެ މައްސަލަ ޤަޠަރު ސަރުކާރަށް ހަރުދަނާ ގޮތެއްގައި ހުށަހަޅާނެކަން އޭނާ ޔަގީން ކުރައްވާކަމަށެވެ.
ނިއުދިއްލީގައި މީޑިއާއާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޕޮއިންޓަކީ މިވަގުތު ޒާކިރު ނައިކަކީ މެލޭޝިއާގެ ރައްޔިތެއް ކަމަށާއި ކޮންމެ ތަނަކަށް ވެސް އޭނާއަށް ދައުވަތު ދެވިދާނެ ކަމަށެވެ.
ބީޖޭޕީގެ ތަރުޖަމާނު ސުއިއޯ ރޮޑްރިގޭސް ގޯއާގައި ނެރުނު ބަޔާނެއްގައި ބުނީ ވޯލްޑް ކަޕަކީ ދުނިޔޭގެ ފެންވަރުގައި ބާއްވާ ހަރަކާތެއް ކަމަށެވެ. ޓެރަރިޒަމާ ދެކޮޅަށް ދުނިޔެ ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެއްގައި ޒާކިރު ނައިކަށް ޤަޠަރުން ޕްލެޓްފޯމެއް ދިނުމަކީ ޓެރަރިސްޓަކަށް، ހަރުކަށި ފިކުރާއި ނަފުރަތު ފެތުރުމުގެ ފުރުސަތު ދިނުންކަމަށެވެ.
އޭނާ ޒާކިރު ނައިކު ސިފަކުރެއްވީ ޓެރަރިސްޓެއްގެ ގޮތުގައެވެ.
ކުރީގެ ކުޅިވަރު ކުޅުންތެރިޔާ ސުރެންދްރާ ޕޫނިއާ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަލްޤާޢިދާގެ ސަޕޯޓަރެއް އަދި އިންޑިއާގެ ތަހުގީގަށް ބޭނުންވާ ޒާކިރު ނައިކް ޤަޠަރުން ރަސްމީ މެހެމާނަކަށް ހަދައިފައިވާ ކަމަށެވެ.
”ޣައިރު މުސްލިމުންނާ ދެކޮޅަށް އަނިޔާވެރިކަމާއި ޖިހާދަށް ވަކާލާތުކުރާ މީހަކަށް ދައުވަތު ދިނީ ކިހިނެއް؟“ އޭނާ ސުއާލުކޮށްފައި ވެއެވެ.
އިންޑިއާގެ ތާރީޚް ލިޔުންތެރިޔަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޒާކިރު ނައިކަށް ޤަޠަރުން ދިން ދައުވަތަކީ ވޭންދެނިވި ދައުވަތެއް ކަމަށް ސިފަކޮށްފައިވެއެވެ.
ނިއުދިއްލީގެ ހިންދުސްތާން ޓައިމްސް ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޤަޠަރުން ވަނީ ނޮވެމްބަރު 20 ވަނަ ދުވަހު ފެށި ފުޓްބޯޅަ ވޯލްޑް ކަޕް ހުޅުވުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ރަސްމީ ހުއްދަ އިސްލާމީ ދަރުސްވެރިޔާ ޒާކިރު ނައިކަށް ދީފައިވާކަން ޑިޕްލޮމެޓިކް ޗެނަލްތަކުން އިންޑިއާއަށް އަންގާފައެވެ.
ޒާކިރު ނައިކް މެލޭޝިޔާއިން ޤަޠަރަށް ވަޑައިގެންނެވިޔަސް ސްޓޭޑިއަމަކުން ނުފެންނަ ކަމުގެ ޚަބަރުތައް ފެތުރިފައިވެއެވެ.
ޤަޠަރުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ޒާކިރު ނައިކް އެ ގައުމުގައި ޝަޚުޞީ ގޮތުން ހުންނެވި ނަމަވެސް އެއްވެސް ތަނަކުން އޭނާ ފެނިފައި ނުވުމަކީ އެކަށީގެންވާ ކަމެކެވެ.
މުމްބާއީގެ ރައްޔިތެއް ކަމަށްވާ ޒާކިރު ނައިކްގެ މުސްލިމް ސަޕޯޓަރުން އިންޑިއާ އާއި އެހެން ގައުމުތަކުގައި ވެސް މިލިއަނުން މިލިއަނުން އެބަތިއްބެވެ. އެއީ އެހެން ދީން ތަކުގެ މީހުން އަނބުރައިގަންނަ ވަރުގެ ކަމަކަށް ވަނީ ވެފައެވެ.
ޒާކިރު ނައިކްގެ ޖަމިއްޔާ އާއި އޭނާގެ މަގުބޫލުކަން އިންޑިއާގައި ވަނީ އިންތިހާއަށް ފެތުރިފައެވެ. އެކަމުގެ ސަބަބުން ކުރިމަތިވި މައްސަލަތަކާ ގުޅިގެން ޒާކިރު ނައިކުގެ ޖަމްއިއްޔާ ހިންގުން ފަސް އަހަރަށް މަނާކޮށް އޭނާގެ މައްޗަށް ބޮޑެތި ތަހުގީގުތަކެއް ހިންގަން ފެށުމުން ގައުމު ދޫކުރައްވައި އޭނާ މިހާރު ދިރިއުޅުއްވަނީ މެލޭޝިޔާގައެވެ. މެލޭގައި ޒާކިރު ނަޔަކު ދިރިއުޅުއްވާއިރު ވެސް އިންޑިއާގެ ހިންދޫންނާއި އެހެނިހެން ހައްދު ފަހަނަޅާފައިވާ ފަރާތްތަކުގެ މުސީބާތާ އޭނާއަށް ވަނީ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.
މުމްބާއީގެ އިސް ނޫސްވެރިއެއް ކަމަށްވާ ދުވަހު ނޫސް ”މުމްބާއީ އުރުދޫ ނިއުސް“ ގެ އެޑިޓަރު ޝަކީލް ރަޝީދު ބުނި ގޮތުގައި އިންޑިއާއިން ޒާކިރު ނައިކް ފިލައިގެން އުޅޭ ކަމަށް އިއުލާންކޮށް އޭނާގެ ޖަމިއްޔާ މަނާކުރި ނަމަވެސް އޭނާއާ ދެކޮޅަށް އެއްވެސް ހެއްކެއް ހުށަހެޅިފައެއް ނުވެ އެވެ.
ވޮއިސް އޮފް އެމެރިކާއާ ވާހަކަ ދައްކަމުން އޭނާ ބުނީ ޒާކިރު ނަޔަކަށް ޤަޠަރަށް ދައުވަތު ދިންކަމަށް ފަތުރައިގެން އުޅޭ އަޑަކީ އެއީ ޤަޠަރާއި މުސްލިމުންގެ ހުރުމަތް ކެނޑުމަށް ފަތުރާ އަޑެއްކަމަށެވެ.

އިންޑިއާ ސަރުކާރުން ޒާކިރު ނައިކްގެ މުދާ ހިފެހެއްޓުން ޖުޑީޝަލް ޓްރައިބިއުނަލުން ވަނީ އެކަން ހުއްޓުވާފައެވެ.
އިސްލާމީ ދަރުސްވެރިޔާ ޒާކިރު ނައިކް އެންމެ ބޮޑަށް މުޅި ދުނިޔެއަށް މަގުބޫލުވެފައި ވަނީ 1990 ގެ އަހަރުތަކުގައެވެ. އޭނާ ވަނީ މުމްބާއީގައި ހުންނަ އޭނާގެ އިސްލާމިކް ރިސާޗް ފައުންޑޭޝަން (އައިއާރުއެފް) އާއި ޓީވީ ޗެނަލް ”ޕީސް ޓީވީ“ މެދުވެރިކޮށް ދީނީ ހޭލުންތެރިކަން އުފެއްދެވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައެވެ.
ބައެއް ފާޑުކިއުންތެރީން ބުނާ ގޮތުގައި ޒާކިރު ނައިކުގެ ޚިޔާލާއި ވިސްނުން ހުންނަނީ ހައްދުފަހަނަޅާފައެވެ. އަދި އޭނާގެ މައްޗަށް ޖިހާދަށް ތާއީދުކޮށް ޣައިރު މުސްލިމުންނަށް އަނިޔާކުރަން ހިތްވަރުދޭކަމުގެ ތުހުމަތު ކުރެވެއެވެ.
ބަނގްލާދޭޝްގައި2016 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާއެއްގައި ބަޔަކު މަރުވިއެވެ. އެ ހާދިސާއާ ގުޅުން ހުރިކަމަށް ޝައްކު ކުރެވޭ ކަމަށް ތުހުމަތު ކުރެވިގެން ބަންދު ކުރެވުނު މީހަކު އޭނާއަކީ ޒާކިރު ނައިކްގެ ތަގުރީރުތައް އަޑުއަހާ މީހެކޭ ބުނި ހިސާބުން އިންޑިއާއިން ވަނީ ޒާކިރު ނައިކް ޓެރަރިސްޓަކަށް ހަދަން މަސައްކަތް ފަށާފައެވެ.
ޒާކިރު ނައިކަކީ އިސްލާމް ދީން ފަތުރައްވައި ދީނީ ހޭލުންތެރިކަން އުފެއްދެވުމަށް އާދަޔާ ޚިލާފު ބުރަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ.
ވޯލްޑް ކަޕްގެ ތެރޭގައި ޤަޠަރުގައި ދަރުސްވެރިޔާ ޝެއިޚް ޒާކިރު ނައިކް ދީނީ ގިނަ ދަރުސްތަކެއް ދެއްވާނެ ކަމަށް ޤަޠަރުގެ ދައުލަތުގެ ކުޅިވަރު ޗެނަލް އަލްކާސްގެ ޕްރެޒެންޓަރު ފައިސަލް އަލްހަޖްރީއާ ހަވާލާދީ އަލް އަރަބިޔާ ނިއުސްއިން ވަނީ ޚަބަރު ދީފައެވެ.
އެކަމާ އިންޑިއާ މީހުން ފުއްޕުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟