އަފްޣާނިސްތާނުގެ އުތުރުގެ ހިސާބެއްގައި ހުރި ދީނީ އިލްމަށް ޚާއްސަ ސްކޫލެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން، ކިޔަވާކުދިން ހިމެނޭހެން ޖުމްލަ ފަނަރަ މީހުން މަރުވެއްޖެއެވެ.
އިންޓީރިއަރ މިނިސްޓްރީގެ ތަރުޖަމާނަކު ބުނިގޮތުގައި، ސަމަންގަން ޕްރޮވިންސްގެ އައިބަކްގައި ހުރި ސްކޫލަށް ދިން ބޮމުގެ ހަމަލާގައި އިތުރު އެތައް ބަޔަކަށް އަނިޔާތައް ލިބިފައިވެއެވެ.
މިހަމަލާގައި 17 މީހުން މަރުވެފައިވާކަމަށް ޕްރޮވިންޝަލް އޮފިޝަލުން ބުނެފައިވުމާއެކު މަރުވި މީހުންގެ ހަގީގީ އަދަދު އަދިވެސް ކަށަވަރުނުވާކަމަށް ޚަބަރުތައް ބުނެއެވެ.
ހަމަލާދީފައިވަނީ ޖަމާއަތުގައި ނަމާދުކުރުމަށްފަހު ކިޔަވާކުދިން އެތަނުން ނުކުންނަން އުޅެނިކޮށެވެ. ހަމަލާގައި މަރުވެފައިވަނީ ކިޔަވާ ކުދިންނާއި ބައެއް އާންމުންނެވެ.
ހަމަލާދިން ބަޔަކު ތޯލިބާން ސަރުކާރުން ހޯދައި ހައްގު އަދަބު ދޭނެކަމަށް އިންޓީރިއަރ މިނިސްޓްރީގެ ތަރުޖަމާނު ބުނެފައިވެއެވެ.
ހަމަލާ ދެވުނު ސްކޫލް ހުންނަ އައިބަކް ސަރަހައްދަކީ ވެރިރަށް ކާބުލްއާއި 200 އެއްހާ ކިލޯމީޓަރު ދުރުގައިވާ ސަރަހައްދެކެވެ. މިއީ ގަދީމީ އާސާރުތައް ގިނަ، އަދި ތާރީޚީގޮތުން މުހިންމު ސަރަހައްދެކެވެ.
އަފްޣާނިސްތާނުގެ ވެރިކަމަށް ތޯލިބާން ޖަމާއަތުން މިދިޔަ އަހަރު އަލުން އައިފަހުން އެގައުމުގައި މިފަދަ ހަމަލާތައް ދިނުން އަންނަނީ އިތުރުވަމުންނެވެ. ސެޕްޓެމްބަރު މަހު ކާބުލްގެ އިމްތިޚާން ހޯލެއްގައި ދިން ބޮމުގެ ހަމަލާއެއްގައި 54 މީހުން މަރުވެފައިވެއެވެ. މީގެތެރޭގައި 51 އަންހެން ކިޔަވާކުދިން ހިމެނެއެވެ. މި ކުދިންނަކީ ޔުނިވަރސިޓީއަށް ވަނުމަށް އިމްތިޚާން ހަދަމުން ދިޔަ ކުދިން ތަކެކެވެ.
ތޯލިބާންގެ ވެރިން ވަނީ އެހަމަލާ ދިނީ އައިސިސް ޖަމާއަތުންކަމަށް ބުނެފައެވެ. ނަމަވެސް އެ ޖަމާއަތުން ޒިންމާ ނަގާފައެއްނުވެއެވެ.