އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕަރމަނަންޓް ސެކްރެޓަރީ މުސްއަބު މަގާމުން ވަކިކުރި މައްސަލައިގައި އޭނާއަށް ދޭންޖެހޭ 1.1 މިލިއަން ރުފިޔާ ތިން ދުވަހުގެ ތެރޭގައި ޖަމާކުރަން ސިވިލް ކޯޓުން ކުރި ޢަމުރާ އެއްގޮތަށް ފައިސާ ޖަމާކޮށްފައިނުވާތީ މުސްއަބުގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ބަލަމުން ދިޔަ މައްސަލަތަކަކާ ގުޅިގެން މުސްއަބު މަގާމުން ވަކިކުރީ 2019 ވަނަ އަހަރުއެވެ. ސީއެސްސީގެ ނިންމުން ބާތިލު ކުރުމަށް މުސްއަބު ދަޢުވާ ކުރުމުން 2020 ގައި ސިިވިލް ކޯޓުން ނިންމީ އޭނާ މަގާމުން ވަކިކުރީ ޤާނޫނާ ޚިލާފަށް ކަމަށް ނޫން ކަމަށެވެ.
އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ޙުކުމް ކުރީ މުސްއަބު މަގާމުން ވަކިކުރީ ޤާނޫނާ ޚިލާފަށް ކަމަށާއި ބަދަލެއްގެ ގޮތުން އޭނާއަށް 1.1 މިލިއަން ދޭންޖެހޭ ކަމަށެވެ.
އެ ހުކުމް ތަންފީޒުކުރަން މުސްއަބުގެ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މި މަހުގެ 23 ވަނަ ދުވަހު ކުރި ޙުކުމުގައި ވަނީ ހައިކޯޓުގެ ހުކުމާ އެއްގޮތަށް ސީއެސްސީ އަމަލުކޮށްފައިނުވާ ކަމަށާއި އެ ދުވަހުން ފެށިގެން ތިން ދުވަސްތެރޭ 1.1 މިލިއަން ރުފިޔާ ކޯޓަށް ޖަމާކުރަން އަންގާ ކަމަށެވެ.
މިއަދާ ހަމައަށް ވެސް އެ ފައިސާ ޖަމާކޮށްފައިނުވާތީ ސީއެސްސީން ކޯޓު ޢަމުރާ ޚިލާފުވެ ކޯޓުގެ ހުރުމަތް ކަނޑާލައިފައިވާ ކަމަށް ބުނެ މުސްއަބުގެ ފަރާތުން މިހާރު ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.