ބްރޯޑްކާސްޓިންގ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވުމާ ގުޅިގެން ތައުބީނުގެ ޖަލްސާއެއް ބޭއްވުމަށް ސަރުކާރުން ހަމަޖައްސައިފިއެވެ.
ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވީ އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
ރައީސް އޮފީހުން ބުނީ އިބްރާހީމް މަނިކު އަވަހާރަވުމާ ގުޅިގެން ތައުބީނުގެ ޖަލްސާއެއް ބޭއްވުށާއި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވުމަށް ސަރުކާރުން ހަމަޖައްސަވާފައިވާ ކަމަށެވެ.
ތައުބީނުގެ ޖަލްސާ އިންތިޒާމު ކުރާނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކަމަށާއި ތަޢުޒިޔާގެ ދަފްތަރު ހުޅުވާނީ ދިވެހިރާއްޖޭގެ އަޑުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެއީ ދިވެހިރާއްޖޭގެ އަޑަކީ އިބްރާހީމް މަނިކު އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މުއައްސަސާ ކަމަށްވާތީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.