ރާއްޖެއަށް ކުރިމަތިވެފައިވަ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބޭކަމަށާއި، މިހާރު ކުރިއަށްދާ އެންމެ ގިނަ މަޝްރޫޢުތަކަކީ އިންޑިއާގެ އެހީގައި ކުރިއަށްދާ މަޝްރޫޢުތައް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާއިން ރާއްޖެއަށް އިތުރު 100 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައެވެ.
އިންޑިއާއިން ރާއްޖެއަށް މިހާތަނަށް އެއް ބިލިއަން ޑޮލަރުގެ އެހީ ވެދެއްވައިފައިވާކަން ފާހަގަކުރައްވައި އަމީރު ވަނީ ރާއްޖޭގައި އެންމެ ގިނަ މަޝްރޫޢުތައް ހިންގަނީ އިންޑިއާގެ އެހީއާއެކުގައި ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވަނީ މާލެ އާއި ވިލިމާލެ އާ ދެމެދު އަޅާ ބްރިޖާއި ގުޅިފަޅުގައި ތަރައްގީ ކުރާ އިންޓަނޭޝަނަލް ޕޯޓާއި ލ. ގަމުގައި ހަދާ ކެންސަރު ހޮސްޕިޓަލާއި ސ. ގަމާއި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރަނީވެސް، އިންޑިއާގެ ދީލަތި އެހީއާއެކުގައި ކަމަށް ވިދާޅުވެފައެވެ.
”އިންޑިއާއިން އަންނަނީ ރާއްޖޭގެ ތަރައްގީގައި މުހިއްމު ދައުރެއް އަދާކުރަމުން. އަދި ކުރިއަށް އޮތްތަނުގައި ވެސް ދެ ގައުމުގެ ގުޅުން އިތުުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރަން،“ އޭނާ ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ، ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމާ ރާއްޖެއިން ކުރިމަތިލަނީ އިންޑިއާގެ ބޮޑު އެހީތެރިކަމަކާ އެކު ކަމަށް އަމީރު ވިދާޅުވިއެވެ.