މާފަރު އިންޓަރނޭޝަން އެއަރޕޯޓުގައި ތަރައްޤީކުރާ ވަގުތީ ފިއުލް ފާމުން އަންނަ ޖެނުއަރީމަހުގެތެރޭ ޚިދުމަތްދޭން ފެށޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.
މޯލްޑިވިއަން އެއަރޕޯޓްސްއިން މަޢުލޫމާތުދޭ ގޮތުގައި، މާފަރު އެއަރޕޯޓުގައި ތަރައްޤީކުރާ ވަގުތީ ފިއުލް ފާމަކީ 400000 ލީޓަރުގެ ތެޔޮ ރައްކާކުރުމުގެ ގާބިލްކަން ހުރި ތަނެކެވެ. މިހާރު މިކަމަށް ބޭނުންވާ ޓޭންކުތައްވެސް މާފަރަށް ގެންގޮސްފައިވާކަން އެފަރާތުން ބުނެފައިވެއެވެ.
މާފަރު އެއަރޕޯޓަކީ ގިނަ އަދަދަކަށް ޕްރައިވެޓު ޖެޓު ޖައްސާ އެއަރޕޯޓަކަށްވުމުން، އެ އެއަރޕޯޓުން ތެޔޮ ނުލިބޭތީ އެޝަކުވާ ޖެޓު އޮޕަރޭޓަރުންގެ ފަރާތުން ލިބޭ ކަމަށާއި އަދި ވަގުތީ ފިއުލް ފާމާއެކު އެކަމަށް ހައްލު ލިބިގެންދާނެ ކަމަށް އެފަރާތުން ހާމަކޮށްފައިވެއެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު އިތުރަށް ތަރައްޤީކުރުމަށް އައިލެންޑު އޭވިއޭޝަނުން ގެންގުޅޭ ޕްލޭންގެ ދަށުން އެ އެއަރޕޯޓުގައި ސައިޒުގެ ގޮތުން މިއަށްވުރެ ބޮޑު ފިއުލް ފާމެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.
2019ވަނަ އަހަރުގެ ފަހުކޮޅު ހުޅުވާފައިވާ މާފަރު އެއަރޕޯޓު އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ސަރުކާރުން މާފަރު އެއަރޕޯޓު ތަރައްޤީކޮށްފައިވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއަރބަސް އޭ-320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ގޮތަށެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަނޭޝަނަލް އެއަޕޯޓަށްފަހު އެންމެ ބޮޑު ރަންވޭއެއްވެސް ހަދާފައިވަނީ މާފަރު އެއަރޕޯޓުގައެވެ.
މާފަރު އެއަޕޯޓަކީ ސީދާ އިންޓަރނޭޝަނަލް ދަތުރުތަކަށް އަމާޒުކޮށްކޮށްގެން ވަސީލަތްތައް ތަރައްޤީކޮށްފައިވާ އެއަޕޯޓެކެވެ.