ވޯލްޑް ކަޕްގައި ދެމިތިބުމަށް، އަދި ގަދަ 16އަށް ދަތުރުކުރުމަށް އާޖެންޓީނާ މިރޭ ރާއްޖެ ގަޑިން 12.00ގައި ނުކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ. އާޖެންޓީނާ ގަދަވެ ސަލާމަތުން އޮތުމަށް ކައްޕި ލިއޮނަލް މެސީގެ އެހީތެރިކަމަށް އަނެއްކާވެސް އޭނާގެ ގައުމަށް އޮތީ އިންތިހާއަށް ބޭނުންވެފައެވެ. އޭނާ ވަނީ ދެ މެޗުގައި ދެ ލަނޑު ޖަހައި ޓީމަށް ފުރާނައާއި ދިރުން ގެނެސްދީފައެވެ.
މި އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ފުރާނަ ސަލާމަތްކޮށްދީ ކުރިއަށް ގެންދަނީ ޓީމުގެ ތަރި ލިއޮނަލް މެސީ ކަން މުޅި ދުނިޔެއަށް އެބަ އެނގެއެވެ. މިރޭ ވެސް މެސީއަށް ވަނީ އެ މުހިއްމު އަދި ބުރަ ވާޖިބު އަދާކުރަން ޖެހިފައެވެ.
ގްރޫޕް ސްޓޭޖު ފަހަނަޅައި ގަދަ 16ގެ ތެރެއަށް އާޖެންޓީނާއަށް ދަތުރު ކުރެވެން އޮތީ ޕޮލެންޑް ބަލިކޮށްގެންނެވެ. އަދި އެކަން ކޮށްދެވޭނީ ކުޑަކުޑަ ވަގުތުކޮޅަކަށް ނަމަވެސް މެސީ ހަދާ ޖާދޫއަކުންކަން ހަމަ ކޮންމެ މީހަކަށް ވެސް އެބަ އެނގެއެވެ. މެސީ ޖެހެނީ އޭނާގެ އުފަން ގައުމަށް ކުރީން ހޯދައިދީފައިވާ ކާމިޔާބީއަށް ބޮޅެއް އިތުކޮށްދީ މިރޭ ވެސް އެކަން ތަކުރާރުކޮށްދޭށެވެ.
ޖާދޫ ހަދާ އެންމެ މޮޅު މީހުން ވެސް ޖާދޫ ހެދެނީ ވަކި އުމުރެއް ފަހަނަޅައި ދާނދެނެވެ. މެސީއަކަށް ވެސް އަދި ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީއަކަށް، ވެސް އުމުރު ހުސް ވާނދެން ފުޓްބޯޅައެއް ނުކުޅެވޭނެއެވެ. މިއީ ފުޓްބޯޅައިގެ މުސްކުޅި އުމުރަށް ފައިނަގާފައިވާ މެސީއާއި ލެވަންޑޯސްކީގެ އެންމެ ފަހު ވޯލްޑް ކަޕެވެ. އަދި މިއީ އެ ދެ ތަރިންކުރެ ކޮންމެ ވެސް އެކަކު ވޯލްޑް ކަޕެއްގައި ކުޅޭނެ އެންމެ ފަހު މެޗަށް ވެސް ވެދާނެއެވެ. ދެން އޮންނަ މުބާރާތް 2026ގައި ފަށާއިރު ޒުވާން އަންހެން ކުދީންނަށް މެސީއާއި ލެވަންޑޯސްކީ މުސްކުޅި ކަމަށް ގަބޫލު ނުކުރެވުނަސް، ބޯޅަ ހިފައިގެން ދުވަން އެ ދެ ތަރިންގެ އުމުރު އެ މީހުންނަށް ހުރަސް އަޅާނެއެވެ.
މެސީއަކީ މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިއާއެވެ. އޭނާ 7 ފަހަރަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވެއެވެ. ހަމަ އެގޮތަށް ލެވަންޑޯސްކީއަކީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ސެންޓަރ ފޯވާޑެވެ. އެ ދެތަރިންގެ ހުނަރު ދުށުމަށް ފުޓްބޯޅައިގެ ދުނިޔެ އޮތީ ކެތްތެރިކަން ކުޑަވެފައެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިޔާއަތުން 2-1 ލަނޑުން ބަލިވެ ރޫހު ގެއްލުނު އާޖެންޓީނާއަށް އައު ދިރުމެއް އައީ މެކްސިކޯއާ ވާދަކޮށް މެސީގެ އެހީގައި މޮޅުވުމުންނެވެ. އަދި ލެވަންޑޯސްކީ ވަނީ ސައުދީ އަރަބިޔާ ބަލިކޮށް ގަދަ 16އަށް ދިއުމުގެ އުއްމީދު 1986ގެ ފަހުން ޕޮލެންޑަށް ހޯދައި ދީފައެވެ. ހަމައެ ގޮތަށް ސައުދީ އަރަބިޔާއަށް ވެސް މެކްސިކޯ ބަލިކޮށް ގަދަ 16އިން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. ސައުދީގެ ކޯޗު ހާވޭ ރެނާޑަށް މިރޭ ކުރިމަތި ވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޓީމުގެ ކެޕްޓަންގެ އިތުރަށް ފުރަތަމަ 11ގައި ހިމެނޭ އެހެން ތިން ކުޅުންތެރިއަކަށް ވެސް މެޗުގައި ނުކުޅެވުމެވެ.
މެސީއަށް އަދި އެއްފަހަރު މިރޭ އޭނާގެ ޖާދޫ ދެއްކިދާނެ ހެއްޔެވެ؟
ޕޮލެންޑުން ތައްޔާރުވެފައި ވަނީ މެސީ ބަނދެގެން ކުޅުމަށެވެ. އެކަން ޕޮލެންޑަށް ނުކުރެވިއްޖެނަމަ މެސީއަށް މިރޭ އެއް ލަނޑު ކީއްކުރަން ތިން ލަނޑު ވެސް ޖެހިދާނެއެވެ.
ޚާއްޞަ ނޯޓެއް
މިރޭ 8.00ގައި ކުޅޭ މެޗުތައް
ޓިއުނީޝިއާ- ފްރާންސް
އޮސްޓްރޭލިއާ- ޑެންމާކް
މިރޭ 12.00ގައި ކުޅޭ މެޗުތައް
ސައުދީ- އަރަބިޔާ މެކްސިކޯ
އާޖެންޓީނާ- ޕޮލެންޑް