މި ސަރުކާރުން ބޭރުގެ ގައުމުތަކުން ލޯނު ނަގަނީ ދިވެހިރާއްޖޭގެ މިނިވަންކަން ރަހުނުކޮށްފައިކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން މިފަދައިން ވިދާޅުވެފައިވަނީ އަވައްޓެރި އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމާއި ގުޅިގެންނެވެ.
އަލީ ހުސައިންގެ ޓްވީޓުގައި ”ވަށައި ޖެހޭ ދަރަނީގެ ދުނިޔެ، ދަރަނި ދައްކަން ދަރަނި، އެ ދަރަނި ދައްކަން ޓީ ބިލް، ޓީ ބިލަށް ފައިސާ ދައްކަން ދަރަނި، ރަހުނުކޮށްފައި އޮތީ ރާއްޖޭގެ މިނިވަންކަން“ ވިދާޅުވެ ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ސަރުކާރުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިއަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 105.7 ބިލިއަނަށް އަރާނެއެވެ. އެއީ ސީދާ ދަރަނީގެ ގޮތުގައި 93.3 ބިލިއަން ރުފިޔާ އަދި ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނީގެ ގޮތުގައި 12.4 ބިލިއަން ރުފިޔާއެވެ. ދައުލަތުގެ ޖުމްލަ ދަރަނިން 57.9 ބިލިއަނަކީ އެތެރޭގެ ދަރަންޏެވެ. އަދި 35.4 ބިލިއަނަކީ ބޭރުގެ ދަރަންޏެވެ.
މިއަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ އެންމެ ފަހުގެ ނަތީޖާއިން ދައްކާގޮތުން ރާއްޖޭގެ ރެޖިސްޓަރޑް އާބާދީއަކީ 397،372 އެވެ. އަދި އަހަރު ނިމޭއިރު ހުންނާނެ ކަމަށް ސަރުކާރުން ބުނެފައިވާ ދަރަނީ އެ އަދަދުން ބަހާލުމުން ބޮލަކަށް ޖެހެނީ 266,075 ރުފިޔާއެވެ. މިއީ ދިވެހި ތާރީހުގައިވެސް ބޮލަކަށް ޖެހޭ ދަރަނި އަދި ދައުލަތުގެ ޖުމްލަ ދަރަނިވެސް މިހާ ބޮޑަށް މައްޗަށްދާ ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 113.7 ބިލިއަނަށް އަރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގަތްފަހުން ދައުލަތުގެ ދަރަނި އެތައް ގުނައަކަށް ވަނީ އިތުރުވެފައެވެ. މިގޮތުން ރައީސް ޞާލިޙްގެ ވެރިކަމުގައި އެކަނި އިތުރުވި ދަރަނި 50 ބިލިއަނަށްވުރެ އިތުރެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ދައުލަތުގެ ދަރަނީގެ ގޮތުގައި ހުރީ 48 ބިލިއަން ރުފިޔާއެވެ. އެއީ އޭގެ ކުރީ ސަރުކާރުތަކުން ވާރުތަވެގެން އައި ދަރަނިތަކާއި ވެސް އެކުގައެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމޭއިރު ވެރިކަމުގެ 5 އަހަރު ތެރޭގައި އެކަނި ދައުލަތުގެ ދަރަނި 65 ބިލިއަން ރުފިޔާއިން އިތުރުވާނެއެވެ. މިއީ ފާއިތުވި އެހެން އެއްވެސް ވެރިކަމުގެ ދައުރެއްގައި ދަރަނި އިތުރުނުވާ މިންވަރެކެވެ.
ދަރަނި މިހާ ބޮޑުވެފައިވާއިރު މި ސަރުކާރުން އަންނީ އަވައްޓެރި އިންޑިއާއިން ގިނަ އަދަދަކަށް ލޯނު ނަގަމުންނެވެ.