އަންނަ އަހަރަށް ދައުލަތުގެ ބަޖެޓް ފާސްކުރަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް އެ ވިޕާ ހިލާފުވި މެންބަރުންނާ ދެކޮޅަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސަ މަނިކު (ރީކޯ) ވާހަކަ ދައްކަވާތީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ރައްދުދީފި އެވެ.
ރީކޯ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ސިޔާސީ ކުރިމަގު ބިނާވެފައި އޮންނަނީ މަޖިލީހުގައި ޕާޓީ ތަމްސީލުކުރާ ގޮތުގެ މައްޗަށް ކަމަށެވެ.
އެހެންކަމުން ޕާޓީގެ ވިޕްލައިނާ ހިލާފުވެ ހިތުހުރިހާ އެއްޗެއް ގޮވައި، ގަދަފައި ވިއްދީމަ ލަދުވެތިވުން ފިޔަވާ އެހެން ކަމެއް ނުވާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ އުސޫލާ ހިލާފުވި މެންބަރުންނަށް ފިޔަވަޅު އެޅުމަށް ޕާޓީގެ ޕީޖީ ލީޑަރަށް ގޮވައިލައިފަ އެވެ.
އޭނާއަށް ރައްދުދީ ކުރި ޓްވީޓްގައި ވައްޑެ ވަނީ ޕާޓީގެ ވިޕްލައިނަކީ ކިހިނެއް، ކީއްކުރަން ގެންގުޅޭ އެއްޗެއްތޯ ސުވާލު ކުރައްވާފަ އެވެ.
އޭނާ މިސާލެއްގެ ގޮތުން ނެންގެވީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމުގައި ހުންނެވިއިރު ރާއްޖޭގެ ބިން ބޭރު މީހުންނަށް ވިއްކޭ ގޮތައް ގާނޫނު އަސާސީ އިސްލާހް ކުރަން ވޯޓަށް އެހިއިރު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ”ފްރީ ވިޕެވެ.“
ރައީސް ޞާލިޙްގެ ނަން ސީދާ ވިދާޅުނުވި ނަމަވެސް އެމަނިކުފާނަށް އިޝާރާތްކޮށް ވައްޑެ ވަނީ ”ޕީޖީ ލީޑަރުކަމުގައި ހުރިއިރު ރާއްޖޭގެ ބިން ބޭރުމީހުންނަށް ވިއްކަންވީމަ ‘ފްރީ ވިޕް‘. ވެރިކަމުގައި ހުރެގެން ގާނޫނާ ހިލާފަށްކުރި ހަރަދު ތަފްސީލް ހޯދަންވީމަ ‘ތްރީ ލައިން ރެޑް’“ ކަމަށް ވިދާޅުވެ، އެއީ ހަމަ އެހެން އޮންނަ ކަމެއްތޯ ސުވާލުކުރައްވާފަ އެވެ.
ގިނަ ދުވަހު ޕާޓީއާއި ދުރުގައި ހުރުމަށްފަހު އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަންވެސް ކުރެއްވި ރީކޯ އަނެއްކާ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ރައީސް ޞާލިޙްއާއި އޮންނަ ގުޅުމުގެ ތެރެއިން ކަމަށް ބެލެވެ އެވެ.
އެމްޑީޕީގެ ތެރޭގައި ރައީސް ޞާލިޙަށް ތާއިދު ކުރާ މެންބަރުންނާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރާ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް ބޮޑުވެ، ރައީސް ނަޝީދަށް ތާއިދުކުރާ މެންބަރުން ފާޅުގައި ސަރުކާރަށް ފާޑުވިދާޅުވާއިރު، ރައީސަށް ތާއީދުކުރާ މެންބަރުން ސިފަކުރަނީ ނަޝީދުގެ ފެކްޝަނަކީ އިދިކޮޅުގެ ގޮތުގަ އެވެ.