އިންޑިޔާގެ ދިފާއުގައި ހަސަން ކުރުސީ ކޮށްފައިވާ ޓްވީޓަކަށް ރައީސް ނަޝީދު ރަށްދުދެއްވައި، އިންޑިއާއިން ރާއްޖެ އަމިއްލަ ފައިމަށްޗަށް ތެދުވުމަށް އެހީވަމުންދާ ކަމަށާއި ނަމަވެސް ޗައިނާ އިން އުޅެނީ ރާއްޖޭގެ ބޮލުގައި ދަރަނި އަޅުވަން ކަމަށް ވިދާޅުވެއްޖެއެވެ.
އިއްޔެ އިންޑިއާއިން 100 މިލިއަން ޑޮލަރުގެ ލޯނެއް ރާއްޖެއަށް ދިނުމާއި ގުޅިގެން ނަޝީދު ސިއްރުން ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ ހަސަން ކުރުސީ ޓްވިޓާ އެކައުންޓް ބުނެފައި ވަނީ އިންޑިއާ އާއި ޗައިނާއަށް އަބަދު ރާއްޖެއަށް އެހީ ނުވެވޭނެ ކަމަށެވެ.
”މިހާރު ވެރިކަން ކުރަމުންދާ ގޮތަށް ކުރިއަށްދާނަމަ އަދި ވަގުތެއް އަންނާނެ ރާއްޖޭގެ ރައުސުލްމާލުތައް ވިއްކަން ޖެހޭނެ ދުވަހެއް.“ ހަސަން ކުރުސީ ބުނެފައި ވެއެވެ.
މިކަމާއި ގުޅޭގޮތުން ނަޝީދު ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާއި ޗައިނާ އެއްހަމަ ނުކުރެވޭނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ އިންޑިއާއިން ރާއްޖެ އަމިއްލަ ފައިމަށްޗަށް ތެދުވުމަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. ނަމަވެސް ޗައިނާއިން މަސައްކަތް ކުރަނީ ރާއްޖޭގެ ބޮލުގައި ދަރަނި އަޅުވަން ކަމަށެވެ.
ރާއްޖެ އަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށްޓަކައި ކަމަށް ބުނެ އިންޑިއާ އިން ރާއްޖެ އަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން 100 މިލިއަން ޑޮލަރަކީ އިންޑިއާ އިން ރާއްޖެއަށް ދިން އެހީއެއް ކަމަށް އިންޑިއާ ސަރުކާރުން މިއަދު ވަނީ ބުނެފަ އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ދިވެހިބަހުންނާއި އިނގިރޭސިބަހުން ނެރުނު ބަޔާނުގައި ވެސް އެއީ ލޯނެއް ކަމަށް ބުނެފައެއް ނުވެއެވެ. ނަމަވެސް އިއްޔެ ފޮރިން މިނިސްޓަރ ޝާހިދާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އިންޑިއާ އިން ދިން 100 މިލިއަން ޑޮލަރަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ބޮންޑް ގަންނަން ދިން ލޯނެއް ކަމަށެވެ.
އިންޑިއާގެ އެމްބަސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިންޑިއާ އިން ދިން އެހީއަކީ ރައީސް ޞާލިޙް މިއަހަރުގެ އޮގަސްޓް މަހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ބޮޑުވަޒީރު ނަރެންދްރަ މޯދީ އަރިހުން އެދުނު އެދުމަށް ދިން އެހީއެއް ކަމަށެވެ.