އުރީދޫ ”ފަން ރަން“ ގައި ބައިވެރިވުމުގެ ފުރުސަތު މިރޭ 11:59 އާއި ހަމައަށް ހަމަވާނެއެވެ.
ގިނަ ހަރަކާތްތަކަކާ އެކު ބާއްވާ މި ދުވުމުގައި އުމުރުން ހަ އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވުމުުގެ ފުރުސަތު އުރީދޫއިން ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
”ފަން ރަން“ ފެށުމަށް ހަމަޖެހިފައިވައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުންނެވެ. އަލަށް ބައިވެރިވާ މީހުންނަށް ވެސް ފަސޭހަވާނެހެން މި ފަހަރުގެ ދުވުމުގައި ނުވަތަ މެރެތަންގައި ދުވުމަށް ކަނޑައެޅިފައިވަނީ ފަސް ކިލޯ މީޓަރަށެވެ.
ފަން ރަންގެ ކިޓުތައް ވިއްކަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންކަމަށާއި، އެއީ ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ 100ރ. އަށް ވިއްކާ ސްޓޭންޑަޑް ކިޓާއި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑު އަދި ފޮތި ދަބަހެއްގެ އިތުރުން އައިނާއި ބަންޑެނާ ހިމެނޭ 200ރ. ގެ ފަން ކިޓެއް ހިމެނޭނެކަމަށް އުރީދޫއިން ހާމަކޮށްފައިވެއެވެ.
”ފަން ރަން“ ގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އުރީދޫން ބުނެ އެވެ. އަދި އެ ދުވުމުގެ ކޮންމެ ކިލޯމީޓަރެއް ނިމުމުން، ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.