ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމުން ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ޝުކުރުު އަދާކުރައްވައިިފިއެވެ.
އިންޑިއާއަށް ޝުކުރު އަދާކުރައްވައި ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވީ ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ދިން 100 މިލިއަން ޑޮލަރުގެ ލޯނަކީ މިވަގުތަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ.
އަދި އެއީ ނެތެމުންދިޔަ ބޭރު ފައިސާގެ ރިޒާވަށް ލިބުނު ވަގުތީ ހައްލެއްކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް ދިވެހިސަރުކާރުން އެދިގެން ދިން ލޯނުގެ ރަމްޒީ ލިޔުން ހަވާލުކޮށްދެއްވީ އިންޑިއާ ސަފީރު މުނޫ މަހާވަރްއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ލިޔުމާ ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.