ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފިއެވެ.
މި ލޯނަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް ދިވެހިސަރުކާރުން އެދިގެން ދިން ލޯނެކެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ލޯނުގެ ރަމްޒީ ލިޔުން ހަވާލުކޮށްދެއްވީ އިންޑިއާ ސަފީރު މުނޫ މަހާވަރްއެވެ. ރާއްޖޭގެ ފަރާތުން ލިޔުމާ ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ފާއިތުވި ހަތަރު އަހަރު އިންޑިއާއިން 2.5 ބިލިއަން ޑޮލަރުގެ އެހީދެއްވާފައިވާ ކަމަށާއި އިންޑިއާގެ އެހީއަކީ ނަމޫނާއެއް ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެ އެހީ ފޯރުކޮށްދެނީ އެސްބީއައިއަށް ދޫކުރާ ޓްރެޝަރީ ސޭލްއެއް މެދުވެރިކޮށް ކަމަށެވެ. އެ އެހީއަށް އިންޑިއާއިން ވަނީ ސޮވެރިން ގެރެންޓީ ދީފައެވެ. ނަމަވެސް ލޯނުގެ އިންޓްރެސްޓް ރޭޓެއް އަދި އަނބުރާ ދައްކަންޖެހޭ ތާރީޚެއް މިނިސްޓްރީން ނުބުނެއެވެ.