ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ބައްޕަ ކެރަފާ ޢަބްދުއްސައްތާރަށް ގޮވައިގެން ކޯޓަށް ވަޑައިގަންނަވަން އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ނިންމަވައިފިއެވެ.
ރައީސް ނަޝީދުގެ ގެންގުޅުއްވާ ޓްވިޓާ އެކައުންޓެއްކަމަށް ބެލެވޭ ”ހަސަން ކުރުސީ“ ގެ ނަމުގައި ހަދާފައިވާ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓަކަށް ރައްދު ދެއްވަމުން މެންބަރު ޝަރީފް މިއަދު ވިދާޅުވީ ”ހަސަން ކުރުސީ“ ގެ ބައްޕަ މަކަރާ ހީލަތުން ގެއެއް ވިއްކާނަމޭ ކިޔާފައި “އަޅުގަނޑު އަތުން ހޯދާފައިވާ ފައިސާތަކުގެ މައްސަލަ ވަރަށް އަވަހަށް ކޯޯޓަށް އެބަ ހުށަހަޅަން“ ކަމަށެވެ.
ނަޝީދުގެ ބައްޕަ ކެރަފާ ޢަބްދުއްސައްތާރަށް ގޮވައިގެން ކޯޓަށް ވަޑައިގަންނަވަން ނިންމެވިއިރު ނަޝީދު ވެސް ވަނީ ޝަރީފާ ދެކޮޅަށް ޢަބުރުގެ ދަޢުވާ ކުރައްވާފައެވެ.
މައުމޫން ދައުރުގައި ނަޝީދު ގިނަ ބަޔަކު މަރައިލަން އުޅުނުކަމަށް ޝަރީފް ތުހުމަތު ކުރެއްވުމުން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ނަޝީދު އެދިވަޑައިގެންފައިިވަނީ ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.