މިދިޔަ އަހަރު ފުލުހުން އަތުލައިގަތް 119 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހަކު ބަންދުން ދޫކޮށްލުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ދޫކޮށްލީ ގދ.ހޯނޑެއްދޫ/އަލޯރާ އަޙްމަދު މުޖާހިދެވެ.
ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލީ މައްސަލަ ބަލާ ސެކްޝަނުގައި ދާއިމީ ފަނޑިޔާރަކު ނެތުމުން މައްސަލައިގެ އަޑުއެހުންތައް އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދެވިދާނެ ކަމަށް ނުފެންނާތީ ކަމަށް ބުނެއެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަޙްމަދު ޝަފީޢު މިއަދު ވިދާޅުވީ 119 ކިލޯ މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލައިގައި, ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާކޮށްފައިވާ މުޖާހިދު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް, މި މަހުގެ 23 ވަނަ ދުވަހު ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ހައިކޯޓުން އަދި ބަލައެއް ނުގަނެއެވެ.