42 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކ.ހިންމަފުށީގައި “ރައްޔިތުންގެ މަސް ރޭސް 2022“ ގެ ނަމުގައި މަސް ރޭހެއް ބާއްވަން ނިންމައިފިއެވެ.
ހިންމަފުށީ ކައުންސިލުން މިއަދު ބުނީ އެ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ގުޅިގެން މި އަހަރުގެ މަސްވެރިންގެ ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުވާލައިގެން މަސް ބޭނުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މަސްވެރިންގެ ދުވަހަކީ ޑިސެމްބަރު 10 ވަނަ ދުވަހެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 11 ވަނަ ދުވަހުއެވެ. ކައުންސިލުން ބުނީ މޫސުން ތަން ނުދޭނަމަ މުބާރާތް ބާއްވާ ތާރީޚު ބަދަލުވެދާނެ ކަމަށެވެ.
މުބާރާތް ކުރިއަށް ގެންދާނީ ހިންމަފުށީގައި ދިރިއުޅޭ ދެޖިންސުގެ 18 އަހަރުން މަތީގެ އުމުރުފުރާ ގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެންނެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޑިސެމްބަރު 6 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން އެކަމަށް އެދޭ ފޯމު ކައުންސިލު އިދާރާއަށް ހުށަހަޅަންޖެހޭނެއެވެ.