މާލޭގައި އާންމުން ދިރިއުޅޭ ސަރަހައްދުގައި ހިންގަމުންދާ ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް ބޭނުންވާ މީހުންނަށް ހުޅުމާލެއިން ބިން ދިނުމަށް އެޗްޑީސީން ނިންމައިފި އެވެ.
ގަރާޖު ހިންގުމަށް ހުޅުމާލެއިން ބިން ދިނުމަށް އެޗްޑީސީން ނިންމީ ސަރުކާރާއި އެޗްޑީސީއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަކަށް ފަހު އެވެ.
ގަރާޖުތަކަށް ހުޅުމާލެ އިން ލިބޭ ބިމުގެ ބޮޑުމިން ކަނޑައަޅައި، އެކަމާ ގުޅޭ މިންގަނޑެއްވެސް އެޗްޑީސީން ވަނީ އާންމު ކޮށްފަ އެވެ.
އެގޮތުން މާލޭގައި މިހާރު ހިންގަމުންދާ ގަރާޖުތަކުގެ ތެރެއިން 1000 އަކަފޫޓަށް ވުރެ ކުޑަ ގަރާޖުތަކަށް ހުޅުމާލެ އިން ލިބޭނީ 1000 އަކަފޫޓުގެ ބިމެކެވެ. އަދި 1000 އަކަފޫޓަށްވުރެ ބޮޑެތި ގަރާޖުތަކަށް 1300 އަކަފޫޓުގެ ބިން ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ހުޅުމާލެއިން ދޫކުރާ ބިންތަކުގައި އަޅާ ގަރާޖުތައް ދެ ފަންގި ފިލާއަށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.
މިހާރު މާލޭގައި ހިންގަމުންދާ ގަރާޖުތަކަކީ ކުޑަތަންކޮޅެއްގައި އާންމު ރައްޔިތުންގެ ގެ ތަކުގައި ހިންގަމުންދާ ތަންތަނެވެ. މިފަދަ ގަރާޖުތަކުގައި ވެލްޑިން ކުރުމާއި ޓިންކަރިންކުރުން ފަދަ ކަންކަން ކުރެ އެވެ. އަދި ތަފާތު ކެމިކަލްތަށް ބޭނުންކުރުމުން ނުރައްކާތެރި ހާދިސާތަށް ހިގަން މެދުވެރިވެއެވެ.