މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ މެޗުތަކުގެ ތެރެއިން ސަޕޯޓަރުން މާސްކު ނާޅައި ދަނޑުގައި ތިބޭ މަންޒަރުތައް ޗައިނާގެ ދައުލަތުގެ ޓީވީއިން ސެންސަރު ކުރަން ފަށައިފިއެވެ.
މާސްކު ނާޅައި ސަޕޯޓަރުން ތިބޭ މަންޒަރުތަކުގެ ކްލޯޒްއަޕް ޝޮޓުތައް ނުދައްކާނެކަމަށް ޓިވީއިން ހާމަކޮށްފައިމިވަނީ، މާސްކު ނާޅައި މީހުން އުޅޭ މަންޒަރު ފެނި ޗައިނާގައި އާއްމުންގެ ހިތްހަމަނުޖެހުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ.
ޗައިނާއިން ގެންގުޅޭ ޒީރޯ ކޮވިޑް ސިޔާސަތުގެ ދަށުން އެ ގައުމުގައި އަދިވެސް ދަނީ ކޮވިޑާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް ތަންފީޒުކޮށް އާއްމު ދިރިއުޅުމަށް ހުރަސް އަޅަމުންނެވެ.
އެގޮތުން އެތައް މިލިއަން މީހުން ލޮކްޑައުންކޮށް މަޖުބޫރުން ކަރަންޓީނުކޮށް ދަތުރު ކުރުމަށް ހުރަސް އަޅައި، މާސްކު އެޅުން މަޖުބޫރު ކުރުން ފަދަ އެތައް ކަމެއް އަދިވެސް އެގައުމުގައި ހަރުކަށިކޮށް ތަންފީޒު ކުރަމުންދެއެވެ.
ފީފާ ވޯލްޑްކަޕް ފެށުމާ އެކު ޓީވިން މެޗު ބެލި ޗައިނާގެ ގިނަ މީހުން ވަނީ ސަރުކާރުގެ ސިޔާސަތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ”ޗައިނާ އޮތީ ދުނިޔޭގައިތޯ“ ސުވާލު އުފައްދައި ހުޅުވާލާފައިވާ ސިޓީއެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.
ވީޗެޓް މެސެޖިން އެޕްގައި އެ ސިޓީ ދައުރުވާން ފެށުމުން، ރެގިއުލޭޓަރީ އިދާރާއިން އެ ސިޓީ ދައުރު ކުރުން ވެސް ވަނީ ހުއްޓުވާފައެވެ.