ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި އައު ސަފީރު އިބްރާހިމް ޝަހީބް އިންޑިއާގެ ރައީސް ދުރޯޕަދީ މުރްމޫއަށް މިއަދު ސަފީރުކަމުގެ ފަތްކޮޅު އަރުވައިިފިއެވެ.
ޝަހީބް މަޤާމުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް އެރުވުމުން އެކަމަށް މަރުހަބާ ދަންނަވައި ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވާނެކަމަށް ގަބޫލު ކުރައްވާކަމަށެވެ.
ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ހ. ޖެހޭވައި ޝަހީބު އައްޔަން ކުރެެއްވީ މިދިޔަ އޮކްޓޫބަރު 10 ގައެވެ.
ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން މާސްޓަރ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ޝަހީބް މީގެ ކުރިން ފުރުއްވާފައިވާ މުހިންމު ބައެއް މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް ޕްރޮޓޮކޯލްގެ މަޤާމާއި އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމު ހިމެނެއެވެ.