ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމެރިކާއިން ރާއްޖެއަށް އިތުރު ތިން މިލިއަން ޑޮލަރުގެ އެހީދިނުމުގެ އެއްބަސްވުމުގައިި މިއަދު ސޮއިކޮށްފިއެވެ.
އެ އެހީ ދެނީ ދެ ޤައުމުގެ ދެމެދުގައި ވެފައިވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް (ޑީއޯއޭޖީ) އަށް ގެނައި ނުވަވަނަ އިސްލާހުގެ ދަށުންނެވެ.
މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ހަލީލެވެ. އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ ޔޫއެސްއެއިޑްގެ މިޝަން ޑިރެކްޓަރު ގެބްރިއަލް ގްރާއުއެވެ.
ޑީއޯއޭޖީ އެެއްބަސްވުމަކީ ތަރައްގީގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން 2019 ގައި ގާއިމުކުރި އެއްބަސްވުމެކެވެ. އެ އެއްބަސްވުމަށް އަށް އިސްލާހެއް ވަނީ ގެނެސްފައެވެ. އެ އެއްބަސްވުމުގެ ދަށުން މިހާތަނަށް އެމެރިކާއިިން 25 މިލިއަން ޑޮލަރު ދީފައިވެއެވެ.