އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓު ފާސްކުރަން ވޯޓު ނުދެއްވާ އެމްޑީޕީގެ މެންބަރުންނަށް ފިޔަވަޅު އަޅާނެކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރަން އެމްޑީޕީގެ ހަތް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
ވޯޓު ނުދެއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދާއި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދާއި ހުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.
މެންބަރު އަސްލަމް ބައެއް މީޑިއާތަކަށް ވިދާޅުވީ ބަޖެޓު ފާސްކުރަން ވޯޓު ނުދެއްވާ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ވިޕް ލައިނާ ޚިލާފުވާ މެންބަރުންނަށް ފިޔަވަޅުއަޅަންވާނެ ކަމަށް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ފާސްކުރީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި 5.8 ބިލިއަން ރުފިޔާ ވަނީ ސަޕްލިމަންޓްރީ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައެވެ. އެ ގޮތަށް ފާސްކުރީ 61 މެންބަރުންގެ ވޯޓާއެކުއެވެ.