މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ހޯމް މިނިސްޓްރީން މިއަދު ޢާންމުކޮށްފިއެވެ.
މީޑިއާ ކައުންސިލު އެކުލެވިގެންވަނީ 13 މެންބަރުންގެ މައްޗަށެވެ. އެއީ މީޑިއާ ތަމްސީލުކުރާ ހަތް މެންބަރުންނާއި ޢާންމު ހަ މެންބަރުންނެވެ. ޢާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާ އާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ.
ހޯމް މިނިސްޓްރީން ބުނީ 13 ގޮނޑިއަށް 22 ބޭފުޅަކު ނަން ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެ ގޮތުން މީޑިއާތަކަށް ޚާއްސަ ހަތް ގޮނޑިއަށް 10 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފައެވެ. އަދި އަމިއްލަ މެންބަރުންގެ ހަ ގޮނޑިއަށް ކުރިމަތިލެއްވީ 12 ބޭފުޅުންނެވެ.
މީޑިއާ ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ ގޮތުން ދެ އަހަރެވެ. އެއްވެސް ފަރާތަކަށް ވިދިވިދިގެން ދެ ދައުރެއް އަދާނުކުރެވޭނެއެވެ.
މީޑިިއާ ކައުންސިިލުގައި މިހާރު ތިބި މެންބަރުންގެ ދައުރު ހަމަވާނީ އަންނަ ޑިސެމްބަރުގެ 14 އަށެވެ.