ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބުގެ ހަނދާނުގައި ދިވެހި ބަހުގެ އެކެޑަމީގައި މިއަދު ތަޢުޒިޔާގެ ދަފުތަރެއް ހުޅުވައިފިއެވެ.
ތަޢުޒިޔާގެ ދަފުތަރު ހުޅުއްވައިދެއްވައި އެންމެ ފުރަތަމަ ލިޔުއްވީ ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫނެވެ.
މި ދަފުތަރުގައި ލިޔަން ބޭނުންވާ މީހުންނަށް އަންނަ މަހުގެ 15 ގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.
“މިކަން ކުރިއަށްދާނީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރު 13:30 ދިވެހި ބަހުގެ އެކެޑަމީގައެވެ.“ އެކެޑަމީން ބުންޏެވެ.
އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބު އަވަހާރަވީ މި މަހުގެ 21 ގައެވެ. އެ ކަމަނާ އަވަހާރަވީ އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް އެ ދުވަހު ހަވީރުގައެވެ.
އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބު ވަނީ ދިވެހި ބަހާއި ތާރީޚަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައެވެ.