ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމެނެޓް ކޯޕަރޭޝަން އޭޖެންސީއާއި ޕީޕަލްސް ގަވާރމަންޓް އޮފް ޔުނާން ގުޅިގެން އިތިޒާމްކުރި ރީޖަނަލް ފޯރަމް އޮން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގައި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ބައިވެރިވެވަޑައިގެންފިއެވެ.
ޑރ.ވަހީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 21 ން 22 އަށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު ޑރ.ވަހީދަށް ލިބިވަޑައިގަތީ އެމަނިކުފާނުގެ އަމިއްލަފުޅު ހައިސިއްޔަތުން ބައިނަލްއަގުވާމީ ތަރައްގީ އާއި ޕަބްލިކް ޕޮލިސީގެ ދާއިރާ އިން ދެކުނު އޭޝިއާގެ އިލްމުވެރި ތަޖުރިބާކާރު ބޭފުޅަކަށް ވާތީ ކަމަށެވެ.
ވީޑިއޯ މެސެޖް މެދުވެރުކުރައްވައި ޑރ.ވަހީދު ދެއްވި ތަގުރީރުގައި ޗައިނާ ސަރުކާރުގެ މުހިއްމު އިސްނެންގެވުންތަކަށް ތަހުނިޔާ ވިދާޅުވެ، ދެމެހެއްޓެނިވި ނޫ އިޤްތިޞާދެއް ތަންފީޒުކޮށް ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ނޭދެވޭ އަސަރުތައް ކުޑަކުރުމާ ގުޅޭގޮތުން ވާހަކަދެއްކެވި ކަމަށް އެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ވަނީ ޑރ.ވަހީދު އަބަދުވެސް މަސައްކަތް ކުރައްވާނީ ދިވެހި ރައްޔިތުން ތަމްސީލުކޮށް، ރައްޔިތުންގެ މަސްލަހަތަށް ވަކާލާތުކޮށް، ދިވެހި ރައްޔިތުންނާއި ގައުމު ދިފާއުކުރުމަށް ކަމަށްވެސް ބުނެފަ އެވެ. އަދި ޗައިނާ ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ ހުރިހާ ގައުމުތަކާ އެކު ވެސް ގާތް ގުޅުމެއް ދެމެހެއްޓުމަކީ ރާއްޖެއަށް ފައިދާ ހުރި ގޮތް ކަމަށާއި ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން ކޮށްދޭ ކަންކަން ރައްޔިތުން ބަލައިގަންނަ ކަމަށްވެސް ބުނެފައިވެ އެވެ.
ޑރ.ވަހީދު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައި މިވަނީ އިންޑިއާ ކަނޑުގެ 19 ގައުމަކާ އެކު ޗައިނާއިން ބޭއްވި ބައްދަލުވުން ދިވެހި ސަރުކާރުން ބޮއިކޮޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި ބައްދަލުވުމުގައި ދިވެއްސަކަށް ބައިވެރިވެވަޑައިގެންފައިވަނީ ޑރ.ވަހީދެވެ.