ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޕޮލިސް ބޯޑުގެ ރައީސް ޢަލީ ފާއިޒު އައްޔަން ކުރުމަށް ރައްޔިތުން މަޖިލީހުން މިއަދު ރުހުންދީފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މއ.މަނާގޭ ފާއިޒް އެ މަގާމަށް އައްޔަން ކުރަން ރުހުންދިނީ 62 މެންބަރުންގެ ތާއީދާއެކުއެވެ.
ލަންކާ ސަފީރަކަށް ފާއިޒް އައްޔަންކުރަނީ ކުރިން އެ ޤައުމަށް ކަނޑައަޅުއްވާފައިވާ ސަފީރު އުމަރު ޢަބްދުއްރައްޒާޤް ރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި ރާއްޖެއިން ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރެއްވުމުންނެވެ.
ފާއިޒަކީ މިހާރު ފުލުހުންގެ ބޯޑުގެ ރައީސްއެވެ. އޭނާ ވަނީ ރައްޔިތުން މަޖިލީހުގެ ޚާއްސަ މަޖިލީހުގެ މެންބަރުކަމުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.