2023 ވަނަ އަހަރަށް 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި ބަޖެޓު ފާސްކުރަން ފެންނަ ކަމަށް 61 މެންބަރުން ވޯޓު ދެއްވިއިރު، ބަޖެޓު ފާސްކުރުމާއި ދެކޮޅަށް 8 މެންބަރުން ވޯޓު ދެއްވިއެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެންނަމަވެސް އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެއާ އެކު އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ޖުމްލައަކީ މިހާރު 42.8 ބިލިއަން ރުފިޔާއެވެ.
އަންނަ އަހަރު ދައުލަތަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 32.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރޭގައި ޖީއެސްޓީ ރޭޓު މަތިކުރުމާ ގުޅިގެން އިތުރުވާނެ ކަމަށް ބެލެވޭ 3.7 ބިލިއަން ރުފިޔާ ހިމެނެއެވެ. ޓެކުހުގެ ގޮތުގައި 23.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެއެވެ.
އަންނަ އަހަރުގެ ބަޖެޓުގެ އިތުރުން މިއަހަރުގެ ބާކީ އޮތް މުއްދަތަށް އިތުރަށް ފައިސާ ބޭނުން ވެދާނެތީ ހިމަނާފައިވާ 5.8 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓުވެސް މިއަދު ވަނީ ފާސްކޮށްފިއެވެ.