ރަށްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ހުށަހަޅާ ބަޖެޓްގެ އިތުރުން ދިހަ ރިޕޯޓަކަށް ވޯޓަށް އަހާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން ނަޝީދު ވިދާޅުވީ، މިހާރު ކުރިއަށްދާ ޖަލްސާގައި ދައުލަތުގެ ބަޖެޓު ހިމެނޭހެން، ދިހަ ރިޕޯޓަކަށް ބަހުސްކޮށް ނިންމައި ވޯޓަށް ހުށަހެޅޭނެ ކަމަށެވެ.
މިއަދު ފާސްކުރުމަށް އެޖެންޑާ ކޮށްފައިވާ ރިޕޯޓްތަކުގެ ތެރޭގައި ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު 241 ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާއި، އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި، އުފަންދުވަހުގެ ސެޓްފިކެޓާއި އައިޑީކާޑު ހެއްދުމާ ބެހޭ ބިލު، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި އިޖުތިމާއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ހިމެނެއެވެ.
އެޖެންޑާ ކޮށްފައިވާ ބައެއް ރިޕޯޓްތަކުގެ ތެރޭގައި، ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ރިޕޯޓާއި، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ރިޕޯޓާއި، ކުނި މެނޭޖުކުރުމުގެ ބިލުގެ ރިޕޯޓާއި، ރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ރިޕޯޓާއި ސްރީލަންކާ އަށް ރާއްޖޭން ސަފީރަކު ކަނޑައެޅުމުގ ރިޕޯޓާއި، ބޭންކުތަކުގައި ހުރި ސްޓްރެސްޑް އެކައުންޓްތަކުގެ ޕްރޮޕަޓީތަކާއި ގުޅޭ ރިޕޯޓާއި، ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުން ހަމަހަމަކުރުމާއި ގުޅޭ ރިޕޯޓް ހިމެނެއެވެ.
ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާ އަކީ މި ދައުރުގެ ފަހު ޖަލްސާއަށް ވުމުން ޖަލްސާ ދިގުދެމިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ހުރިހާ މަސައްކަތްތަކެއް ނިމި، ވޯޓަށް އައްސަވާނެ ސީދާ ގަޑިއެއް ދަންނަވަން ނޭނގޭ ކަމަށެވެ.
މިއަދުގެ ޖަލްސާއަށްފަހު މަޖިލިސް ޗުއްޓީއަށް ދާނެ ކަމަށް މިދިޔަ ބުދަ ދުވަހުގައި އޮތް މަޖިލިސް ޖަލްސާގައި ނަޝީދު ވަނީ ވިދާޅުވެފަ އެވެ.