ރ.ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި ބައެއް މުއައްޒަފުން ހިމެނޭ ގޮތަށް ހިންގާފައިވާ ބޮޑު ހިޔާނާތެއް މިދިޔަ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އާންމުކުރި އިންޑެކްސް ރިޕޯޓަކުން ހާމަވިތާ ހަތަރު މަސް ފަހުން ކައުންސިލްގެ މެންބަރުން ސަސްޕެންޑް ކޮށްފިއެވެ.
އެލްޖީއޭގެ ބޯޑުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ދުވާފަރު ކައުންސިލްގެ ހުރިހާ މެންބަރުން ސަސްޕެންޑުކުރަން ނިންމީ ހަތަރު މަސް ކުރިން ފެންމަތިވި ހިޔާނާތުގެ މައްސަލަ އާއި ގުޅިގެންކަން އެލްޖީއޭ އިން ވެސް ކަށަވަރު ކޮށްދެއެވެ.
ކައުންސިލުގެ ހަ މެންބަރުން ސަސްޕެންޑުކުރުމަށްފަހު ކައުންސިލު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އެ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހާއެވެ. ނަމަވެސް ނާސިހަކީ ވެސް ހިޔާނާތުގެ ތުހުމަތު ކުރެވިފައިވާ ބޭފުޅެކެވެ.
ކައުންސިލުގެ ހިޔާނާތުގެ މައްސަލަތައް ފެންމަތިވެފައިވަނިކޮށް އެ ކައުންސިލުގެ ހަތް މެންބަރުންގެ ތެރެއިން ކައުންސިލަރު އަހްމަދު ސަމޫހު ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭނާ އިސްތިއުފާ ދެއްވުމުން ހުސްވި ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަން އަންނަ މަހުގެ 24 ވަނަ ދުވަހުގައި އޮންނާނެއެވެ.
އެލްޖީއޭގެ މޮނިޓަރިން ރިޕޯޓަކުން ފެންމަތިވެފައިވާ ގޮތުގައި ކޮވިޑް-19 ފެތުރެމުން ދިޔަ ދުވަސްވަރު ދުވާފަރު ކައުންސިލުގެ މެމްބަރުން ގެންދެވީ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާ ކުރަމުންނެވެ. ތިޖޫރިން ނަގުދު ފައިސާ ނަގައި އެކި ކަންކަމުގައި ބޭނުންކޮށް، އެއްވެސް ހިސާބެއް ނުބަލަހައްޓަ އެވެ. މުދާ ގަތުމާއި ކައުންސިލަށް ލިބޭ ބަޖެޓު ބޭނުން ކުރުމުގައި މާލިއްޔަތު ގާނޫނާއި ގަވައިދުތަކަށް އެއްވެސް ވަރަކަށް ބަލައިފައެއް ނެތެވެ. މުސާރަ ދިނުމާއި މުވައްޒަފުންގެ ކަންކަން ބަލަހައްޓަމުން ގެންދެވީ ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަކަށް ވެސް ބެލުމެއް ނެތި އެވެ.
އެ މައްސަލަތައް ފެންމަތިވުމާއެކު، އެލްޖީއޭ އިން ވަނީ އެ މައްސަލަތައް ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުސް އޮފީހަށް ހުށަހަޅައިފަ އެވެ. އޭސީސީ އާއި ފުލުހުން މައްސަލަ ތަހްގީގުކޮށް އެންމެ ފަހުން ވިދާޅުވެފައި ވަނީ މައްސަލަ އޮތީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ކަމަށެވެ.
މެމްބަރުންނަށް ދީފައިވާ ނަގުދު ފައިސާ އާއި ޖަމާކޮށްފައިވާ ފައިސާ:
އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅު – 711،617.58ރ.
ކައުންސިލް މެމްބަރު މުހައްމަދު ޝާމް – 447،837.44ރ.
ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދު – 252،048ރ.
ކައުންސިލް މެމްބަރު ޒުހުދާ އާދަމް – 181،666.08ރ.
ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހު – 165،200.79ރ.
ކައުންސިލް މެމްބަރު އަހުމަދު ސަމޫހް – 128،696.47ރ.
ކައުންސިލް މެމްބަރު އައިމިނަތު ސަލާހު – 119،535.99ރ.
އަންހެނުންގެ ކޮމިޓީ ރައީސް އައިމިނަތު އަހުމަދު – 67،820ރ.
ހަވާލު ކުރި ފަރާތް ނޭނގޭ – 21،981
ދުވާފަރު ކައުންސިލަރުންނާއި މުވައްޒަފުންނަށް ކުރާ ތުހުމަތުތައް އެކައުންސިލުން މީގެ ކުރިން ވަނީ ދޮގު ކޮށްފައެވެ.