ފަސްވަނަ ބައި
”ތިކަހަލަ ކަންތައްތައް ނިންމާއިރު ވަރަށް ގިނަ ކަންކަން ހުންނާނެ ވިސްނަންޖެހޭ! ދަރިފުޅަށް ވެސް އެނގޭނެ މިހާރު މިއީ ….“ ހަބީބު ވާހަކަ ހުއްޓައިލިއެވެ.
”އަހަންނަށް އެނގޭ ފައިސާގެ ގޮތުން މިހާރު ބައްޕައަށް ދަތިކަންއުޅޭނެކަން. އެކަމަކު ކިޔަވަން ވެސް ޖެހޭނެނު، ބައްޕާ!“ މުސްކާން ބޭނުންވީ ބައްޕައަށް ނުވިސްނިގެން ބުނިއެއްޗެއްކަމަށް ހީވެ ވިސްނައިދިނުމެވެ.
”ޖެހޭނެ!“ މަންމަ ހިފައިލީ މުސްކާންއާ އެއްކޮޅަށެވެ. އެއީ އަބަދުވެސް ވާގޮތެވެ.
މުސްކާން ބޭނުންވަނީ ބިޒިނަސް މެނޭޖްމެންޓްން ކުރިއަށް ދާށެވެ. އެހެންކަމުން ނަޒީރާއާ ވާހަކަ ދައްކައިގެން އެގޭގައި ކުއްޔަށް ހުރެވޭނެގޮތަށް ހަމަޖެއްސީއެވެ. ނަޒީރާގެ ތިބީ އަދި މާބޮޑެތި ކުދިންނަށް ނުވާތީ ދެ ކޮޓަރީގެ އެ އެޕާޓްމެންޓްގައި ދަތިކަމެއްނެތި ނަޒީރާއަށް ވެސް މުސްކާން ބަހައްޓައިގެން އުޅެވޭނެއެވެ.
ރަށަށް އަޔަސް މުސްކާން ބަރާބަރަށް އައިންތުއަށް ގުޅައެވެ. ހާލު އަހައެވެ. ހަބީބުގެ ހާލު ވެސް މެއެވެ. ރަށުން ބޯޓް ފުރާ ކޮންމެ ފަހަރަކަށް ނުވިއަސް އައިންތުއަށް ވަރަށް ގިނައިން ހަދިޔާ ފޮނުވައެވެ. ބައެއް ފަހަރު ބައްޕަޔާ މަންމަމެނާއެއްކޮށް ފޮޓޯނަގާފަ މުސްކާން އައިންތުއަށް ފޮޓޯ ވެސް ފޮނުވާނެއެވެ. އައިންތު ވެސް ހަބީބާ އެކު ފޮޓޯނަގާފަ މަދު ފަހަރަކު ފޮނުވާލައެވެ. އެ ވެސް މުސްކާން މާބޮޑަށް ކިޔަން ފަށައިފިއްޔާއެވެ. އައިންތާ މުސްކާން އާ ދެމެދު އޮތް ގުޅުން ކިތަންމެ ވަރުގަދަޔަސް މުސްކާން އެއްކަމެއް އައިންތަށް ސިއްރު ކުރިއެވެ. އެއީ މުސްކާންގެ މާލެ ދަތުރެވެ.
ކޯހުގެ ކިޔެވުން ފެށިގެން ކުރިއަށް ދާން ފެށުމުން މުސްކާންއަށް ވަގުތު ވަރަށް މަދުވިއެވެ. ޕާރޓްޓައިމްކޮށް ވަޒީފާއަކަށް ދަމުން ކިޔެވުމަކީ ވަރަށް ބުރަކަމެކެވެ. އައިންތު އެ ޝަކުވާ ކުރީމާ މުސްކާންގެ ޖަވާބަކީ ކިޔަވާތީ ވަގުތު ނުވަނީކަމަށާ ވަގުތު ވީ އިރަކުން ފޯނުގެ ގެލެރީ ފުރޭވަރަށް ފޮޓޯ ފޮނުވާނެ ކަމަށެވެ. މުސްކާންގެ މިފަދަ ސަމާސާތަކުން އައިންތުގެ ހިތުގައި މުސްކާންއަށް އޮތް ލޯބި އިތުުވެ އުފާވެރިކަން ހިތަށް ވަދެއެވެ.
މުސްކާން މާލެ ދިޔަތާ ފަސްވަނަމަހުގެ ރެއެކެވެ. މުސްކާންއަށް ހޭލެވުނީ ކޮޓރީގެ ދޮރު ލެއްޕުނު އަޑަށެވެ. އެކަމަކު އެއީ ކުރެވުނު ހީއެކެވެ. ސަބަބކީ އެއްވެސް މީހެއްގެ ހިލަމެއް އެ އަޑުގެ ފަހަކުން ނީވޭތީއެވެ. ފަހަރެއްގައި ނަޒީރާމެންގެ ކޮޓަރީގެ ދޮރު ލެއްޕިއަޑަށް ވެސް އެ އަޑު ވެދާނެއެވެ. ނަޒީރާއްތަ ފިރިމީހާ އަކީ ނުލާހިކު ދީންވެރި ރަނގަޅު މީހެކެވެ. އޭނާ މުސްކާންއަށް ނުލާހިކު ހެވެވެ. އެހެންކަމުން ގޯސް ވިސްނުމަކުން ސައްތާރުބެއާމެދު ވިސްނާކަށް ވެސް މުސްކާން ބޭނުމެއް ނޫނެވެ.
އެރެއަށްފަހު ވެސް އެފަދަ އެއްވެސް ޝައްކުވާ ޒާތުގެ ކަމެއް މުސްކާންއަކަށް ފާހަގައެއް ނުކުރެވެއެވެ. އެހެންނަމަވެސް އޭގެ ހަފުތާއެއް ވަރު ފަހެވެ. ނިދަން އޮވެފައި ފާޚާނާއަކަށް ދާން ޖެހިގެން މުސްކާން ތެދުވިއެވެ. ކޮޓަރީގައި ނިދަންތިބި ދެކުދިން ހޭލަފާނެތީ ވަރަށް މަޑުމަޑުން ތެދުވެގެން މުސްކާން ހިނގައިގަތީ ފާޚާނާއާ ދިމާއަށެވެ. ފާޚާނާއިން ނިމިގެން އައިސް އެނދުގައި އޮށޯތީ ވެސް އެހާ މަޑުމަޑުންނެވެ.
ކުއްލިއަކަށް އެ ކޮޓަރީގެ ތަޅުގައި މީހަކު ހިފައިލިހެން މުސްކާންއަށް ހީވިއެވެ. ދެލޯ މެރެމުން ދިޔަ މުސްކާންއަށް ފުންމައިގެން ތެދުވެ ދެލޯ ބޮޑުކޮށްލެވުނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި މުސްކާން އޮށޯތެވެ. މޫނު ރަނގަޅަށް ނުފެންނަގޮތަށް ބަންޑުން ފާޑަކަށް މުސްކާން ކުރުގެޅިގެން އޮތެެވެ. ހީވި ހީވުން ޔަގީންވީ ސައްތާރުބެ އެ ކޮޓަރިގެ ދޮރު ހުޅުވާލާފައި ވަގު ބުޅަލެއްހެން ކޮޓަރިއަށް ދެމިގަތްތަން ކޮޓަރީގައި ހުރި ރީނދޫކުލައިގެ ފަނޑުއަލީގެ ތެރެއިން ފެނުމުންނެވެ. މުސްކާންއަށް އަޑުގެ ކޮޅަށް ހަޅެއްލަވައި ނުގަނެވުނީ ކިރިޔާއެވެ. އެހެންނަމަވެސް އަމިއްލަ މީހާ ހިތްވަރުކުރުމަށާ ކޮންމެ ހާލެއްގައިވެސް ތިމާ ސަލާމަތްވެ ހުރުމަށް އަޒުމު ކަނޑައެޅިއެވެ. ކޯސް ނުނިންމައި މާލެއިން ފުރައިގެން ދާން ޖެހުނަސް ހިތްވަރު ދޫނުކުރުމަށާ އެކަމަށް ކެރުންތެރިކަން ދެއްވުން އެދި ހެއްދެވި ފަރާތަށް ދުޢާކުރިއެވެ.
މުސްކާން އޮތް އެނދާ ކައިރިވަމުން އައި ސައްތާރު ޖެހިލީ ފުރަތަމަ އޭނަގެ ކުދިންނާ ވީފަރާތުން އެނދާ ދިމާލަށެވެ. އަދި ގުދުވެ ބަލައިލިއެވެ. ހީވާގޮތުން ކުދިން ތިބީ ރަނގަޅަށް ނިދާފައިތޯ ސައްތާރު ޔަގީން ކުރަނީއެވެ. މޫނުމައްޗަށް އިސްތަށިގަނޑުގެ ބޮޑުބައެއް އެޅިފައި އޮތުމުން އެއްލޯ ހުޅުވާލައިގެން ސައްތާރުގެ ހަރަކާތްތަކަށް ފާރަވެރިވެ އޮންނަން މުސްކާންއަށް ފަސޭހަވިއެވެ. ކުދިން ކައިރިން ދުރަށް ޖެހިލާ ސައްތާރު ލައިގެންހުރި ސޯޓްބުރީގެ ޖީބަށް އަތް ކޮށްޕައިލިއެވެ. މުސްކާން ހިތަށް އެރިއެވެ. އެ އުޅެނީ ކީއްކުރަންހެއްޔެވެ. އަނެއްކާ ސައްތާރުބެ….
ސައްތާރު ލައިގެންހުރި ސޯޓްބުރީގެ ޖީބުން ނެގީ ފޯނެވެ. އެއަށްފަހު މުސްކާންއާ ކައިރިއަށް ޖެހިލާ ގުދުވެ މުސްކާންގެ މޭމައްޗަށް ފޯނުގެ ކެމެރާ އަމާޒުކޮށްލާ ދެ ތިން ފޮޓޯ ނެގިއެވެ. އަދި ދެން އެއަށްވުރެ ތިރިން މުސްކާން ނިދަން ލައިގެން އޮތް ސޯޓްކޮޅުގެ ފަލަމަސްގަނޑުން ފެންނަން ހުރި ބަޔާއެކު ވެސް ފޮޓޯ ނެގިއެވެ. ދެން ތެދުވެ ހިންދެމިލިއެވެ. މުސްކާން އޮތްގޮތަށް އޮތީއެވެ.
ސައްތާރު ހަމަޖެހިލާ ފޯނުން ނެގި ފޮޓޯތަކަށް ބަލައިލިއެވެ. މުސްކާން ފުރޮޅިލިއެވެ. ގަސްތުގައެވެ. ސައްތާރު ސިހިގެން ގޮސްފައި ދޮރާދިމާއަށް އަވަސް ފިޔަވަޅުތަކެއް އަޅަމުން ހިނގައިގަތެވެ. ދޮރުހުޅުވާލަމުން ފަހަތަށް އެނބުރި މުސްކާންއަށް ބަލައިލިއެވެ. ދެން ދޮރުން ބޭރަށް ބޯދިއްކޮށްލާ ބޭރު ސިޓިންގޫމު ވެސް ބަލައިލިއެވެ. ދެން ހަމަޖެހިލަމުން ނިކުމެ ދޮރުލައްޕައިލިއެވެ.
އެރޭގެ ބާކީ އޮތްބައި މުސްކާން ހޭދަކުރީ ފިކުރުކުރުމުގައެވެ. މުސްކާން ރާވާފައި އޮތްގޮތަށް ކަންކަން ކުރިއަށް ނުދާނެކަން ގާތްގަނޑަކަށް މުސްކާންއަށް ޔަގީންވެއްޖެއެވެ. އަދި އެގޭގައި ހުރުމަކީ ރައްކާތެރިކަމެއް ނޫންކަން ވެސް ކަށަވަރުވެއްޖެއެވެ. އެހެންކަމުން އެގެއިން އެހެންތަނަކަށް ބަދަލުވާން މުސްކާން ނިންމިއެވެ. އެކަމަކު އެހެން ނިންމިއަސް އެއީކީ ހީކުރާހާ ފަސޭހަކަމެއް ނޫންކަން ވެސް މުސްކާން އަށް އެނގެއެވެ. އެކަމަކު މިގެއަކު ދެނެއް މުސްކާން މަޑެއް ނުކުރާނެއެވެ. ފުރަތަމަ ކޮންމެވެސް މަގެއް ފެނޭތޯ ބަލާނީއެވެ.
މިރޭ މި ދިމާވި ކަމުން ހިތުގައި އުފެދުނު ބިރުވެރިކަމުންނާއި ވީދެރައިން ހިތުގައި އުތުރިއަރަމުން ދިޔަ ޚިޔާލުތަކުން ނުނިދި އޮތް މުސްކާން އެނދުން ހިއްލައިލީ ފަތިސްނަމާދު ބަންގީގެ އަޑަށެވެ.
ޖެހިގެން އައި ދުވަހަކީ ހޮނިހިރު ދުވަހެވެ. ހެނދުނަށް ސައި ހަދަން މުސްކާންއާ ނަޒީރާއާ އުޅެމުން ދިޔައިރު ސައްތާރުގެ އެ ނުލަފާ ޢަމަލުގެ ވާހަކަ ނަޒީރާގާތު ބުނަން މުސްކާން ވަރަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެވަރުގެ ހިތްވަރެއް މުސްކާންއަކަށް ނުލިބުނެވެ. ސައްތާރު އޭނަގެ ދެކުދިން ގޮވައިގެން އައިސް ސައިބޯން އިށީނީ މުސްކާން އެ ވިސްނުމަށް ގެއްލިފައި ހުއްޓައެވެ.
ސައިބޯން އެންމެން އިށީނީ އެއްކޮށެވެ. އެކަމަކު ސައްތާރުގެ މޫނު ފެނުމުން މުސްކާން މޭނުބައި ކުރަނީއެވެ. ފަކުރު ގަންނަނީއެވެ. ސައްތާރާ އެއް ސުފުރާއަކުން ކައިބޮއެ ހަދަން އިންނަން މުސްކާން އަކަށް ކުޅަދާނައެއް ނުވިއެެވެ. އެހެންނަަމަވެސް ވިސްނަން އިނދެފައި އެންމެ ފަހުން މޮޅު ޚިޔާލެއް އައުމުން މުސްކާން ތައްޔާރުވިއެވެ.
”ނަޒީރާއްތާ، އަދި ހަނދާން ނެތިފައޭ މިހިރީ… ރޭގަ ވަރަށް ރީތި ދެތިން ފޮޓޯ ހުންނާނޭ ސައްތާރުބެގެ ފޯނަށް ފޮނުވާފަ. އަޅެ ބަލާލަ ބަލަ!“ މުސްކާންގެ އަޑު އިވުމުން ސައްތާރު ސިހިގެންގޮސް އަނގަޔަށް ލައިލައި ހުރި ރޮށިކޮޅު ވެސް އަތުން ދޫވެގެން ތަށިތެރެއަށް ވެއްޓިއްޖެއެވެ. އެތަން ފެނުމުން މުސްކާންގެ ހިތްވަރު އާވެގެން ދިޔައެވެ.
”ފޮޓޯއޭ؟…. ކޮން ފޮޓޯއެއް!“ ނަޒީރާގެ ހައިރާންކަން އިންތިހާއެވެ.
އެއީ އަހަރެމެންގެ ފޮޓޯތަކެއް ދޯ ސައްތާރު..ބެ!“ ވިހަ ގޮތަކަށް މުސްކާން ބޭރުކޮށްލި ޖުމުލައިން ސައްތާރުގެ އަރުބެދި މޫނުމަތިން އޮށްދާހިއްލާލާފިއެވެ.
”ތެދެއް؟ ދައްކަބަލަ!“ ނަޒީރާ އަތްދިއްކޮއްލީ ސައްތާރާ ދިމާއަށެވެ. ފޯނު އަތުލުމަށެވެ.
”ފޯނުގަ ޗާރޖެއް ނެތް. ޗާރޖުކޮށްލާފަ ދޭނަން.“ އިސްޖަހައިލަމުން ސައްތާރު ގަދަކަމުން ބުންޏެވެ.
ސައްތާރުގެ މި ފިނޑިކަން ފެނުމުން މުސްކާން ގާތަށް އައީ ފަތަހައިގެ ހިނިތުންވުމެކެވެ.
ދުވަހުގެ އިރު އޮއްސެމުންދިޔައިރު މުސްކާން ތައްޔާރުވަމުން ދިޔައީ އެގެއިން ދިއުމަށެވެ. އޭރު ނަޒީރާވީ ދެ ކުދިން ގޮވައިގެން ރައްޓެއްސެއްގެ ކުއްޖެއްގެ ޕާޓީއަކަށް ގޮހެވެ.
ހަވީރުއަތަށް އެޅުމުން މުސްކާންގެ ކޮލެޖްގެ ރަޙުމަތްތެރިޔާ ސަމްހާގެ ގެއަށް ބަދަލުވުމަށް މުސްކާން ދިޔައީ ތައްޔާރުވަމުންނެވެ. ބޭނުންވަނީ ނަޒީރާ އައުމުގެ ކުރިން އެގެއިން ނިކުތުމެވެ. އެހެންނޫނީ ނަޒީރާގެ އެތައް ސުވާލަކާ މުސްކާން ކުރިމަތިލާން ޖެހޭނެއެވެ.
ރޭގަނޑު އަށެއްޖެހިއިރު މުސްކާން ހުރީ ކޮލެޖަށް ދާން ތައްޔަރުވުމުގައެވެ. ޑްރެސިންގްޓޭބަލްމަތީ އޮތް ފޯނު ރިންގްވާން ފެށިއަޑު އިވުމުން މުސްކާން އިސް ތިރިކޮށްލާ ބަލައިލިއެވެ. އެއީ މުސްކާން އިންތިޒާރުކުރަމުން އައި ކޯލެވެ.
”ހަލޯ ނަޒީރައްތާ!“ އެއްވެސްކަމެއް ނުވާކަމަށް ހެދެމުން ހަމަޖެހިލަމުން މުސްކާން ވާހަކަދެއްކިއެވެ.
”ކޮންތާކު؟ މުސްކާން!“ ނަޒީރާގެ އަޑުގައިވަނީ ހިތްހަމަނުޖެހުމެވެ. ދުވަހަކު ވެސް މުސްކާން ބޭރަށް ދަންޏާ ނަޒީރާގާތު ބުނެފައި ނުނީ ނުދެއެވެ. މިފަހަރު ނޒީރާގެއަށް ދިޔައިރު މުސްކާން ނެތުމުން ނަޒީރާ ހުރީ ހާސްވެފައެވެ.
”ނަޒީރާއްތަ ގާތު މިވާހަކަ ބުނަން ވަގުތު ނުވެ…….. ނުބުނެވި ހުރީ…. ސޮރީ!“ މުސްކާންއަށް ވާހަކަ ކުރިއަށްގެންދާނެ ގޮތެއް ނޭނގުނެވެ. އެގެއިން އައުމުގެ ކުރީއްސުރެ މުސްކާން ތައްޔާރު ވަމުން އައީ މިވަގުތަށެވެ. އެހެންނަމަވެސް މުސްކާން ހީކުރިހާ ފަސޭހަކޮށެއް މިވާހަކައެއް ނުދެއްކުނެވެ.
”ކޮންވާހަކައެއް؟ ކީއްވީ…..!“ ނަޒީރާގެ އަޑުން ފާޅުވީ ހިތްހަމަ ނުޖެހުމާއެކު ވެސް ވީގޮތެއް އޮޅުން ފިލުވުމުގެ ކަންބޮޑުވުމެވެ.
”އަހަރެން މިހިރީ… މިހިރީ ރައްޓެހި ކުއްޖަކު ވަރަށް ބޮޑަށް ބަލިވެގެން އައިސް އެ ކުއްޖާ ކައިރީ… އޭނަގެ އެއްވެސް މީހެއް މާލޭގަ ނެތުމުން….. ދެތިން ދުވަހަކަށް!“ މުސްކާން ހަދައިލީ ދޮގެކެވެ. ނަޒީރާ ހައިރާންވީ މުސްކާން މިވަރުގެ ކަމެއް ނިންމި އިރު ނުބުނެ ހުރީމައެވެ. އެއީ ނަޒީރާ ދަންނަ މުސްކާންގެ ގޮތެއް ނޫނެވެ.
”މަންމަމެން ގާތު ބުނިންތަ!“ މާކުރިންވެސް ނަޒީރާ މި ސުވާލުކުރާނެކަން މުސްކާންއަށް އެނގެއެވެ.
”މަންމަމެން ގާތު ބުނެފިއްޔާ ނާދެވޭނެތީ ނުބުނަން. ….. ނަޒީރާއްތާ … އިހަށް މި ވާހަކަ ނުބުނައްޗޭ… ޕްލީޒް!“ މުސްކާންއަށް ރޮވޭގޮތް ވެއްޖެއެވެ.
ނަޒީރާމެން ގެއިން މުސްކާން ނިކުންނަން ޖެހުނު ސަބަބު ނަޒީރާއަށް އެނގިއްޖިއްޔާ ދެން ކަންތައް ވާނެގޮތް މުސްކާންގެ ހިތަކަށް ނުވެސް ގެނެވެއެވެ. އެއް ގޮތަކީ ސައްތާރުބެއާ ނަޒީރާއްތަ އުމުރަށް ވަކި ވުމެވެ. ނުވަތަ މުސްކާންގެ އާއިލާއާ ނަޒީރާ އުމުރަށް ވަކިވުމެވެ. އެއިން އެއްވެސް ކަމެއް ވާން މުސްކާން ނޭދޭތީ މި ގޮތަށް ނިންމަން މަޖުބޫރުވީއެވެ. ހަގީގަތުގައި މިފިޔަވަޅު ކާމިޔާބުވާނެކަން ނުވަތަ މިގޮތަށް މުސްކާންއަށް އުޅެން ޖެހޭނީ ކިހާ ދުވަހެއް ވަންދެން ކަމެއް މުސްކާން އަކަށް ވެސް ނޭނގެއެވެ. އެނގޭކަމަކީ މިއީ ފަސޭގޮތެއް ނޫންކަމެވެ.
ސަމްހާއަކީ މުސްކާންއާ އެއްކުލާހެއްގައި ކިޔަވަމުންދާ ކުއްޖެކެވެ. ސަމްހާ ގާތު މުސްކާން އެދުނީ ދެތިން ދުވަހަކަށް އެ ކޮޓަރީގައި ބަހައްޓައި ދިނުމަށެވެ. އެއީ މުސްކާންއަށް ކޮޓަރިއެއް ލިބެން ދެނެވެ. މި މާލޭގައި އަންހެންކުއްޖަކު އެކަނި މާއެކަނި ކޮޓަރިއެއް ކުއްޔަށް ހިފައިގެން އުޅުމަކީ ކިހާ އުދަނގޫކަމެއްކަން މުސްކާންއަށް އެނގެއެވެ. އެކަމަކުވެސް ހާލާތު މިގޮތަށް މުސްކާން އިމްތިހާން ކުރަނީއެވެ. ކޮންމެ ހާލެއްގައި ވެސް ރަނގަޅު ވަޒީފާއެއް ލިބޭވަރުގެ ކޯހެއް ހަދާ އަމިއްލަ ފައި މައްޗަށް ތެދުވެގެން ނޫނީ މައިން ބަފައިންނާ ކޮއްކޮ ނުބެލެހެއްޓޭނެކަން މުސްކާންއަށް އެނގެއެވެ. ކޮންމެ ވަގުތަކުވެސް ބައްޕަ ބަލިއެނދުގައި އޮށޯންނަން ޖެހިދާނެކަމަށް މުސްކާން ތައްޔާރުވާން ޖެހެއެވެ.
ސަމްހާ ގާތު އެ ކޮޓަރިއަށް މުސްކާން ބަދަލުވިތާ ހަފުތާއެއް ވަނީއެވެ. އެހެންތަނަކަށް މުސްކާން ބަދަލުވުމާ ބެހޭގޮތުން ސަމްހާ ވަކިއެއްޗެއް ނާހައެވެ. އެކަން ދަންނަން ޖެހޭނީ މުސްކާންކަން މުސްކާންއަށް އެނގެއެވެ. އެހެންނަމަވެސް ހަގީގަތަކީ ކޮޓަރިއެއް ހޯދަން މުސްކާންއަށް ވީ މަސައްކަތެއް މުސްކާން ކުރަމުންދާކަމެވެ. އަދި ނަސީބު އަތުގައި ނުހިފައިގެން އުޅެނީއެވެ.
މިދުވަސްކޮޅު މުސްކާން ހުންނަނީ ވެސް ވަރަށް ފިކުރު ބޮޑުވެފައެވެ. އެކަން މުސްކާންގެ މޫނުމަތިން ސަމްހާއަށް ވެސް ފާހަގަ ކުރެވެއެވެ. އެހެންވިޔަސް އެ ކޮޓަރިއަކީ ސަމްހާގެ މައިންބަފައިން ވެސް ދޭތެރެ ދޭތެރެއިން އައިސް ތިބޭ ކޮޓަރިއަށް ވެފައި އެތާ މުސްކާން ދާއިމަށް ބެހެެއްޓެން ސަމްހާއަށް ވެސް ނެތީއެވެ.
ހެނދުނު ތެދުވި ގޮތަށް މުސްކާން އުޅުނީ ޑިއުޓީއަށް އޮފީހަށް ގަޑި ނުޖެހި ދިއުމަށް ތައްޔާރު ވުމަށެވެ. އޭގެ ކުރިން އެމީހުންގެ ހެނދުނުގެ ސައި ތައްޔާރުކުރަން މުސްކާން ޖެހޭނެއެވެ. ހޮޓަލުން އެއްޗެހިގަނެގެން ސައި ބުއިމުގެ އާދައެއް މުސްކާންގެ ނުހުރެއެވެ. އެހެންނޫނަސް ލާރިއަށް ވަރަށް ބަލައިގެން އުޅެން މުސްކާން ދަސްކޮށްފިއެވެ.
ގަޑިޖެހެން ފަސްވަރަކަށް މިނިޓަށް ވީއިރު މުސްކާން ހުރީ މަގުމަތީގައެވެ.
-ނުނިމޭ-
Varah kiyaahithun reethi kamun kiyanee. Ekamaku maa kuree.
Varah reethi