2023 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓަކީ ދިވެހި އިގުތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރުވާނެ ބަޖެޓެއްކަމަށް ބުނެ ޕީޕީއެމްއިން ފާޑުކިޔައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވަނީ 43.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ފާސްކުރަން ވޯޓަށް އެހުން މާދަމާއަށް ވަނީ ތާވަލުކޮށްފައެވެ.
އިދިކޮޅުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓަކީ ދިވެހި އިގުތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރުވާނެ ބަޖެޓެއް ކަމުގައެވެ.
އެހެންކަމުން މި ބަޖެޓް 36 ބިލިއަން ރުފިޔާއަށް ކުޑަކޮށް މަސްވެރިންނަށް ސީދާ މަންފާކުރާނެ ގޮތަށް 297 މިލިއަން ރުފިޔާ މަސްވެރިންގެ ސަބްސިޑީއަށް އިތުރު ކުރުމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ބަޖެޓު ދިރާސާ ކުރައްވާ ކޮމިޓީގެ ރިޕޯޓަށް އިސްލާހު ހުށަހަޅާފައިވާ ކަމަށް ޕީޕީއެމްއިން ބުންޏެވެ.
ޕީޕީއެމްއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޙަޤީޤީ ޒިންމާތައް އިސްކޮށް ސިޔާސީ ތަޢައްސުބުން އެއްކިބާވެ ދިވެހި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި އެ ކޯލިޝަނުން ހުށައަޅާފައިވާ އިސްލާހުތަކަށް މަޖިލީހުގެ ހުރިހާ މެންބަރުން ތާއީދު ކޮށްދެއްވުމަށް ވެސް އެދިފައެވެ.