ޖަލަށް މަނާތަކެތި ވައްދާ ކަރެކްޝަންގެ އޮފިސަރުންނަށް ހަރުކަށި ފިޔަވަޅު އަޅަން ފަސް ނުޖެހޭނެކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.
މާފުށީ ޖަލުގެ 24 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރޭ ދެއްކެވި ވާހަކައިގައި ސީޕީ ވިދާޅުވީ ޖަލަށް މަނާތަކެތި ވައްދާ މައްސަލައަކީ އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
އެކަން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން މިކަމުގައި މަދު އޮފިސަރުންގެ ބައިވެރިވުން އޮންނަކަން ފާހަގަ ކުރެވެމުންދާކަން ފާހަގަކުރައްވައި ސީޕީ ވަނީ އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރައްވައިފައެވެ.
މިފަދަ މައްސަލަތައް ބެއްލެވުމުގައި ގެންގުޅުއްވަނީ ޒީރޯ ޓޮލެރަންސް ޕޮލިސީއެއް ކަމަށާއި އެއްވެސް މުވައްޒަފެއްގެ ބައިވެރިވުމެއް އޮތްކަން އެގިއްޖެނަމަ ހަރުކަށި ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
ސީޕީ މިހެން ވިދާޅުވިއިރު ކަރެކްޝަނުން ފުލުހުންގެ ޚިދުމަތާއި ގުޅިގެން ދާދިފަހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު އޮފިސަރަކު ހައްޔަރުކޮށްފައެވެ. މިކަމާ ގުޅިގެން އެ އޮފިސަރު ވަނީ ވަޒީފާއިން ސަސްޕެންޑު ވެސް ކޮށްފައެވެ.