އއ. މާޅޮހު ސްކޫލުގެ ބަޔޮލޮޖީ އާއި ކެމިސްޓްރީ ޓީޗަރުގެ މައްސަލައިގައި ދަރިވަރުން ސްކޫލަށް ފޮނުވަން ބެލެނިވެރިން ދެކޮޅު ހަދައިފި އެވެ.
މިދިޔަ އޮގަސްޓް މަހުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިއިރު ވެސް ބަޔޮލޮޖީ އާއި ކެމިސްޓްރީ ޓީޗަރެއް ނެތްކަމަށާއި، އެ ދެ މާއްދާ ކިޔަވައިދޭން ބިދޭސީ ޓީޗަރަކު ހަމަޖެއްސީ އެތައް ޝަކުވާތަކެއް ކުރި ފަހުން މި އަރުގެ ފުރަތަމަ ޓާމު ނިމެން އުޅެނިކޮށް ކަމަށް ބެލެނިވެރިން މަޢުލޫމާތުދީފައިވެއެވެ.
ބިދޭސީ ޓީޗަރު ވެސް ދެ ހަފުތާގައި ކިޔަވައިދިނުމަށް ފަހު، ސްކޫލަށް ވެސް އެންގުމެއް ނެތި އެ ރަށުން ފުރައިގެން ގޮސްފައިވާކަމަށް ބެލެނިވެރިން ހާމަކޮށްފައިވެއެވެ. ބަޔޮލޮޖީ އާއި ކެމިސްޓްރީއަށް ޓީޗަރަކު ހަމަޖައްސާފައިނުވާތީ ގްރޭޑު 9 ގެ ކުދިން ސްކޫލަކަށް ނުފޮނުވައެވެ. މާޅޮހު ސްކޫލްގައި ގްރޭޑު 9 ގައި ކޮމްބައިންޑް ސްޓްރީމްގައި 10 ކުދިން އަންނަނީ ކިޔަވަމުންނެވެ.
މި މައްސަލައަށް ހައްލެއް ލިބުނީމާ ނޫނީ ދަރިވަރުން ކިޔަވަން ނުފޮނުވާނެ ކަމަށް، މާޅޮހު ސްކޫލުގެ ބެލެނިވެރިން ބުނެފައިވެއެވެ.
ބެލެނިވެރިން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، މި ވީ ދުވަސްތަކުގައި މިނިސްޓްރީން އެހެން ސްކޫލުތައް މެދުވެރިކޮށް ކުދިންނަށް އޮންލައިންކޮށް ކިޔަވައިދީފައިވާއިރު އެގޮތަށް ކިޔަވައިދީފައި ހުރި އެއްޗެހި ފަހުން ގެނައި ޓީޗަރު ކިޔަވައިދީފައިވަނީ އިދިކޮޅަށްކަމަށާއި، ބަސްތަކުގެ ސްޕެލިންއާ އެއްޗެހި ވެސް ނުބައިކޮށް ހުރިކަން ބެލެނިވެރިން ފާހަގަކޮށްފައިވެއެވެ. އަދި އެ ޝަކުވާތައް ދަރިވަރުން ގެއަށް އައިސް ކޮންމެ ދުވަހަކު މި ކުރާކަމަށް ބެލެނިވެރިން ބުނެއެވެ.
އަދި އެމައްސަލަ ބެލެނިވެރިން ސްކޫލަށް ހުށަހެޅި ފަހުން ޓީޗަރުގެ ކިޔަވައިދިނުމުގެ ފެންވަރު ބެލުމަށް މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސްގެ ޓީމެއް އެ ރަށަށް ފޮނުވަން ނިންމިކަމަށް ބެލެނިވެރިން ބުނެފައިވެއެވެ.
ބެލެނިވެރިން ޝަކުވާ ހުށަހަޅާ ވަނިކޮށް ސްކޫލަށް އެންގުމެއް ވެސް ނެތި އެ ޓީޗަރު އަނބުރާ މާލެ އައިސްފައިވާ ކަމަށް އެ ބެލެނިވެރިން ބުނެފައިވެއެވެ.
ސްކޫލްއަށް ދަރިވަރުން ނުފޮނުވަން ނިންމާފައި މިވަނީ ދަރިވަރުންނާއި ބެލެނިވެރިންވެސް ވަރަށް ހިތްވަރުކުރުމަށްފަހުކަމަށާއި، އިތުރު ގޮތެއް ނެތީމަ ކުދިން ސްކޫލްއަށް ނުފޮނުވަން ނިންމީކަމަށް ބުނެފައިވެއެވެ.
މާޅޮހު ސްކޫލުގެ ޕްރިންސިޕަލް ފާތިމަތު ޝިމާނާ އާއި ހަވާލާދީ ބައެއް މީޑީޔާތަކުގައި ބުނެފައިވާ ގޮތުގައި، ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރިންސިޕަލް ވަނީ ބުނެފައެވެ.