ކުޑަ ރަށެށް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ތަރައްޤީ ހޯއްދަވައިދެއްވުމަށް މި ސަރުކާރުން އަހައްމިއްޔަތުކަން ދެއްވާ ކަމަށާއި ފ.އަތޮޅަށް އެކަނި ބެލިކަމުގައިވިޔަސް އެންމެ ޖާގައިގެ ގޮތުން ތަނަވަސް އެންމެ ފަސޭހަ ބަނދަރު ދަރަނބޫދޫގައި ގާއިމުކޮށްފައިވުމަކީ އޭގެ ފޮނި ނަތީޖާކަމުގައި ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލުން މިއަދު ބުނެފިއެވެ.
ދަރަނބޫދޫ ކައުންސިލުން އެކަން ފާހަގަ ކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
އެކަން ފާހަގަކުރައްވައި ދަރަނބޫދޫ ކައުންސިލުން ވަނީ ރައީސަށް ޝުކުރު ދަންނަވައިފައެވެ.
މީގެއިތުރުން ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ކަމަށާއި ޢިޖުތިމާޢީ މަރުކަޒެއްގެ މުހިންމުކަމާއި ރަށުގެ ބިނާވެށި ޕްލޭން ފާސްކުރުމަށް ބޭނުންވާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
އަދި ކައުންސިލްގެ ބަޖެޓުގެ ދަތިކަމާއި ސްކޫލްގެ ޖާގައިގެ ދަތިކަމާއި ސިއްހީ މަރުކަޒުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސާ ހިއްސާކުރިއެވެ.
އަންހެނުންގެ ކޮމިޓީން ވެސް ވަނީ އެ ކޮމެޓީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ކުރިމަތިވާ ޖާގައިގެ ދަތިކަމާއި މާލީދަތިތައް ފާހަގަކޮށްފައެވެ.
އެ ވާހަކަތައް އަޑުއައްސަވައި ރައީސް ވަނީ އެ ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.