އިންޓަނެޓު މެދުވެރިކޮށް ހިންގާ ހުއްދަ ނޫން އަމަލުތަކަކީ ކުށް ކަމުގައި ކަނޑައެޅުމަށް ތިން ގާނޫނަކަށް އިސްލާހު ގެނައުމަށްޓަކައި ބިލުތަކެއް އެކުލަވާލައި އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފި އެވެ.
ރައީސް އޮފީހަށް ފޮނުވާފައިވަނީ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަކާއި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެކެވެ.
މި ބިލަކީ ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ކުރަމުން އަންނަ ކުށްތައް ގިނަވުމާއި ގުޅިގެންނާއި އެފަދަ ކުށްތައް ކުރާ މީހުން އެ ކަމުގެ އަމަލުތައް ހިންގަމުންދާ ގޮތް، ޓެކްނިލް ވަސީލަތްތައް ބޭނުންކޮށްގެން އިތުރަށް ފުޅާކުރަމުންދާތީ އެ އަމަލުތައް ކުށުގެ ގޮތުގައި ބަޔާން ކުރުމަށް ހުށަހަޅާ ބިލެއް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.
ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގައި ބަޔާން ކުރާ މައިގަނޑު ކުށްތަކުގެ ތެރޭގައި، ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސްވުން، ހުއްދަނެތި ކޮމްޕިއުޓާ ޑާޓާއަށް ނުވަތަ ސިސްޓަމަކަށް އިންޓަފިއާވުން، ނަހަމަ ގޮތުގައި ޑިވައިސްތައް ބޭނުން ކުރުން، ސައިބާވަޔަލަންސްގެ އަމަލުތައް، ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ މައްސަލަތައް އަދި ކޮޕީރައިޓާއި އެހެނިހެން ހައްގުތަކަށް އަރައިގަތުން ހިމެނެއެވެ.
ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް ގެނެވޭ އިސްލާހުތަކުގެ ތެރޭގައި، މި ބިލުގެ މައިގަނޑު މަގްސަދަކީ ކޮމްޕިއުޓާ ސިސްޓަމް މެދުވެރިވެގެން ކުރާ ކުށްތަކާއި އިލެކްޓްރޯނިކް ހެކި އެކުލެވޭ ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމުގައި އެހެނިހެން ގައުމުތަކާއެކު ހޯދަން ޖެހޭ ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ އިޖުރާއަތްތައް ފުރިހަމަ ކުރުން ކަމަށް އޭޖީ އޮފީހުން ބުނެފައިވެ އެވެ.
މި ބިލުގައި މައިގަނޑު ގޮތެއްގައި ބަޔާން ކުރާ ކަންކަމަކީ، އިލެކްޓްރޯނިކް ހެކި ހޯދުމުގެ ގޮތުންނާއި ޓްރެފިކް ޑޭޓާ ރިއަލް ޓައިމްގައި ނެގުމުގެ ގޮތުންނާއި މިފަދަ ކަންކަމާ ގުޅޭ ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭ އުސޫލުތަކާއި، އިލެކްޓްރޯނިކް ހެކި ހޯދަން ޖެހޭ ފަދަ ކުށްތަކާ ގުޅިގެން ހިންގާ ޖިނާއީ ތަހުގީގުތަކާއި ޝަރީއަތްތަކަށް ބޭނުންވާ އެހީތެރިކަން ބޭރު ގައުމުތަކުން ހޯދުމަށް 24/7 ނެޓްވޯކެއް ގާއިމްކުރުން ހިމެނެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި އޭޖީ އޮފީހުން ބުނެފައިވާ ގޮތުގައި މި ބިލުން މިފަދަ ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް ދީ، އެފަދަ ކުށްތައް ތަހުގީގުކޮށް ދައުވާ އުފުލުމުގައި އަމަލު ކުރާނެ އިޖުރާއީ އުސޫލުތައް ކަނޑައަޅާނެ އެވެ.
މި ބިލުގައި ހިމެނޭ މައިގަނޑު ކަންކަމަކީ ސަބްސްކްރައިބާ އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޑާޓާ ރިޓެއިން ކުރުމާ ގުޅޭ އިޖުރާއަތްތަކާއި، ޓްރެފިކް ޑާޓާ ވަކި ވަރަކަށް ހާމަކުރުމަށް އެންގުމާ ގުޅޭ އިޖުރާއަތްތަކާއި، ކޮމްޕިއުޓާ ޑޭޓާއާއި ސަބްސްކްރައިބާ އިންފޮމޭޝަން ހޯދުމަށް ޕްރޮޑަކްޝަން އަމުރު ހޯދުމާއި އަމުރު ތަންފީޒު ކުރުމުގެ އިޖުރާއަތްތަކާއި، ރައްކާކޮށްފައިވާ ކޮމްޕިއުޓާ ޑޭޓާ ބަލާ ފާސްކުރުމާއި ހިފެހެއްޓުމުގެ އިޖުރާއަތްތަކުގެ އިތުރުން ޓްރެފިކް ޑޭޓާ ރިއަލް ޓައިމްގައި ނެގުމުގެ ހުއްދަތައް ހިމެނެއެވެ.