ހުޅުމާލޭގައި ފޭސް 1 ގައި އިތުރު ސްކޫލެއް އެޅުމަށް ވިލާ އެޑިއުކޭޝަނަލް ސާވިސެސް ޕްރައިވެޓް ލިމިޓެޑާއި އެޗްޑީސީ އާއި ދެމެދު އެއްބަސްވުމެއްގަައި ސޮއިކޮށްފި އެވެ.
މިއެއްބަސްވުމުގައި ވިލާ އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖްގެ ރެކްޓާ އަހުމަދު އަންވަރެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.
ހަ ފަންގިފިލާއަށް އިމާރާތްކުރާ މި ސްކޫލްގައި20 ކްލާސްރޫމް ހުންނާނެ އެވެ. އެއީ761 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް ކިޔަވައިދެވޭނެ އިންތިޒާމް މި ސުކޫލުގައި ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެޗްޑީސީން އިތުރަށް ބުނީ، ރޮބޮޓިކް ލެބް ވެސް މި ސުކޫލުގައި ގާއިމްކުރާނެ ކަމަށެވެ.
އެޗްޑީސީން ބުނީ، ވިލާ އެޑިއުކޭޝަންގެ ފަރާތުން ގާއިމްކުރާ މި ސުކޫލު ހުޅުމާލެގައި ގާއިމްކުރުމުން ވަޒީފާގެ ގިނަ ފުރުސަތުތަކެއް އާންމުންނަށް ލިބިގެންދާނެ ކަމަށެވެ.
އެގޮތުން، އެޑްމިނިސްޓްރޭޓިވް ދާއިރާއިންނާއި އެކެޑެމިކް ދާއިރާއިން 100 ވަރަކަށް ވަޒީފާގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.