ތެދު ނޫން މައުލޫމާތާއި ގަސްތުގައި ފަތުރާ ސައްހަ ނޫން މައުލޫމާތަކީ ޑިމޮކްރަސީއެއް އޮތް ބިރެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް އަމާޒުކޮށް މިފަދަ ޓްވީޓެއް ރޮޒައިނާ ކުރައްވާފައި މިވަނީ ބައެއް މީޑިއާތަކުން ޒިންމާދާރުކަން ކުޑަކޮށް، ދޮގު މައުލޫމާތާއި ސައްހަކަން ކަށަވަރުނުރެވޭ މައުލޫމާތު ހިމެނޭ ލިޔުންތައް އާންމުކުރާ މިންވަރު އިތުރުވެ އެކަމުގެ ކަންބޮޑުވުން އާންމުން ވެސް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މީޑިއާ އަކީ ޑިމޮކްރަސީގެ މައި އެއް ތަނބުކަން ފާހަގަކުރައްވާ ރޮޒައިނާ ވަނީ މީޑިއާތަކުން ޒިންމާދާރުކަމާ އެކީ މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އަދި ޚަބަރު ފަތުރާއިރު، ރިޕޯޓަރުން ހޯމްވޯކް ހެދުމަށްފަހު މެނުވީ ޚަބަރު ޝާއިޢުކުރުމަށް ދޫކޮށްނުލުމަށް ރޮޒައިނާ ވަނީ ނޫސްވެރިންނަށް އިލްތިމާސްކުރައްވާފައެވެ.
ރޮޒައިނާ ވިދާޅުވީ ނޫސްވެރިން ޚަބަރުތައް ފަތުރަން ވާނީ ކަމުގެ ހަގީގަތް ވަރަށް ރަނގަޅަށް ބަލައިފައި ކަމަށާއި ލިޔުމެއް ދޫކޮށްލުމުގެ ކުރިން އޭގެ ތެދު ދޮގު ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ. އެކަން އެގޮތަށް ނުކުރާނަމަ އޭގެ ސަބަބުން ބައެއްގެ ދިރިއުޅުން ހަލާކުވެދާނެ ކަމަށާ މީޑިއާތައް މަސައްކަތްކުރަން ވާނީ ވަރަށް ޒިންމާދާރުކޮށް ކަމަށް ރޮޒައިން ވިދާޅުވިއެވެ.
ރޮޒައިނާ ވަނީ ނޫސްވެރިން ޒިންމާދާރުކަމާ އެކީ ޚަބަރު ފަތުރަން އިލްތިމާސްކުރައްވާފަ އެވެ.