ގެންގުޅެނިކޮށް މަރުވިކަމަށް ބެލެވޭ ދޫނިތަކެއް މާލޭގެ ދެކުނުފަރާތު ފަޅުތެރެއިން ފެނިފައިވާކަމަށް އީޕީއޭ އިން ބުނެފިއެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީ.ޕީ.އޭއިން ވިދާޅުވީ، މާލޭ ދެކުނުފަރާތު ހާބަރަށް ވަންނަ ސަރަޙައްދުން މަރުވެފައި އޮއްވާ ފެނިފައިވަނީ 15 ވައްލަ ކަމަށެވެ. އީ.ޕީ.އޭއިން ހާމަކޮށްފައިވާ ގޮތުގައި ބޮޑަށް ބެލެވެނީ މިދޫނިތައް ގެންގުޅުމުގެ ތެރޭގައި މަރުވުމުން އެސަރަޙައްދު މޫދަށް އެއްލާލާފައިވާކަމަށެވެ.
އަދި މިކަމާއި ގުޅޭ އިތުރު މަޢުލޫމާތުތަކެއް އިނގޭ ފަރާތެއްވާނަމަ އެކަން އީ.ޕީ.އޭއާއި ހިއްސާކޮށްދެއްވުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.
ވައްލައަކީ ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ދޫނީގެ ބާވަތެކެވެ. އަދި ތިމާވެށި ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ އެއްވެސް ދޫންޏެއް ނުވަތަ ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކަށް އަނިޔާކޮށް، ގެއްލުންދީ ނުވަތަ ހިފާ ގެންގުޅުމަކީ މަނާކަމެކެވެ.