ޚާރިޖީ ވަޒީރު ޝާހިދަށް ދެން އޮތީ ”ސިޓީފުޅު އުފުލުން“ ކަމަށް ވިދާޅުވެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ސިޓީފުޅަކާއިއެކު ޔޫއޭއީއަށް ވަޑައިގެން މިހާރުވެސް ހުންނެވި މިނިސްޓަރު ޝާހިދަށް ފާޑުވިދާޅުވެ ސައީދު ކުރެއްވި ޓްވީޓެއްގައި ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް ރިއާޔަތްކުރައްވައި ވިދާޅުވީ، ޝާހިދަށް ދެންއޮތީ ސިޓީފުޅު އުފުލުން ކަމަށާ، އެއް މަހުގެ ތެލާއި ކާޑު ގަންނާނެ ފައިސާ ވެސް ދައުލަތުގައި ނެތް ކަމަށެވެ.
ސައީދުގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ، ސަރުކާރު މުވައްޒަފުންނަށް މުސާރަ ނުދެވޭ ހިސާބަށް ދިޔައިމަ ފޮރިން މިނިސްޓަރުގެ ސިޓީފުޅު އުފުލުން އިތުރުވާނެ ކަމަށާއި ރައީސް ”ބަޖެޓު ފޮތް ކިޔާލިނަމަ ތަންކޮޅެއް ރަނގަޅުވީސް.“ ކަމުގައި ސައީދު ވިދާޅުވިއެވެ.
ސައީދު މިފަދައިން ވިދާޅުވެ ސަރުކާރަށް ފާޑުވިދާޅުވެފައިވާއިރު، ސަރުކާރުން ނަގާ ލޯނުތަކަށް އަނބުރާ ފައިސާ ދައްކަން ރައްކާ ކުރަން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އުފެއްދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި ބޭނުން ކުރެވޭ ގޮތަށް ހުރި ފައިސާގެ އަދަދު 98.7 މިލިއަން ރުފިޔާ އަށް ވަނީ ދަށްވެފައެވެ.
އަދި އަދ. ގެ އާއްމު މަޖިލީހުގެ ރައީސް ކަމާއި، އެނޫންވެސް ކަންކަމުގައި ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން ޝާހިދު ހުންނެވި ނަމަވެސް، އެ ދަތުރުފުޅު ތަކުންވެސް މިއަހަރު ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ލިބޭނެ ކަމަށް ލަފާކުރި އަދަދާއި ގާތައް ވެސް ހިލޭ އެހީއެއް ލިބިފައެއް ނުވެއެވެ.