ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުޅުދުއްފުށި ސިޓީގައި އަޅަން ފެށި ރޯ ހައުސްތައް ނިންމައި އެ ތަންތަން ހަވާލު ކުރަން ފަށައިފި އެވެ.
ރޯ ހައުސްތަކުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލު ކުރީ ނޫމަޑި ކުންފުންޏާ އެވެ. ނަމަވެސް އެ މަސައްކަތް ވަރަށް ގިނަ އަހަރުތަކެއް ވަންދެން އޮތީ ހުއްޓިފަ އެވެ.
ރޯ ހައުސްތަކުގެ މަސައްކަތް އަލުން ފެށުނީ އެމްޑީޕީގެ ސަރުކާރަކުން އަލުން ވެރިކަމަށް އައިސް، އެ ރޯ ހައުސްތައް ނިންމަން 2019 ވަނަ އަހަރު ފެނަކައާ ހަވާލުކުރުމާއި އެކުގައެވެ.
ރައީސް ޞާލިޙްގެ ސަރުކާރުން މި މަސައްކަތް ފެނަކާއި ހަވާލުކޮށްފައިވަނީ 190 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 23 މިލިއަން ރުފިޔާ އަށެވެ. އެހެން ނަމަވެސް ފެނަކައަށް ރޯ ހައުސްތަކުގެ މަސައްކަތް ވަނީ ކުރިއަށް ނުގެންދެވިފައެވެ.
އޭގެ ފަހުން ފެނަކައިން އެ މަޝްރޫއު ދޮންބޭޒް ކިޔާ ކުންފުންޏަކަށް 47 މިލިއަން ރުފިޔާއަށް ހަވާލުކޮށް އެ ކުންފުނިން އެ މަސައްކަތް މިދިޔަ މަހު ވަނީ ނިންމާލައިފަ އެވެ.
ދޮންބޭޒްއިން 105 ރޯ ހައުސް ނިންމާލި އިރު އޭގެ ތެރެއިން 27 މީހަކާއި މިހާރު ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްއިން ހާމަކޮށްފައިވެއެވެ.
ރޯ ހައުސްތައް ހަވާލުކުރަން ފެށިއިރު އެ ތަނުގައި މުށި ޖަހައި ފިނިޝިންގެ މަސައްކަތްތައް ވެސް އޮތީ އެއްކޮށް ނިންމާލައިފަ އެވެ.
ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ރޯ ހައުސްތައް އެ ރަށުގެ މީހުންގެ އިތުރުން އެ ރަށުގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ވެސް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.