ވިނަރެސް ފްލެޓްގެ ޝަރުތުހަމާ މީހުންގެ ވަގުތީ ލިސްޓް އެޗްޑީސީން އާންމުކޮށްފޮއެވެ.
އެޗްޑީސީން ވަގުތީ އާންމުކޮށްފައިވަނީ އެކަމަށްޓަކައި އެކޯޕަރޭޝަނުން ބޭއްވި ރަސްމިޔާތެއްގައެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީ ކުރަމުންދާ ވިނަރެސް ފްލެޓްތަކުގެ މަސައްކަތް އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ނިމޭނެ ކަމަން އަންދާޒާ ކުރެވޭ ކަމަށެވެ.
އަދި މިހާރު ކުރިއަށް ދަނީ ވިނަރެސް ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ކަމަށް ވެސް އާތިފް ވިދާޅުވި އެވެ.
ވިނަރެސް ފްލެޓަށް ކުރިމަތިލާފައިވާ ގިނަ ފަރާތްތަކަކުން ހުށަހަޅާފައިވާ ގިނަ ލިޔެކިއުންތައް ހަމަނުވާކަން އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ.
ވިނަރެސް ޕްރޮޖެކްޓްގައި ދެ ކޮމްޕޯނެންޓެއް ހިމެނޭ އިރު، ޝަރުތުހަމަވާ ފަރާތްތަކުން ހައުސިން މިނިސްޓްރީގެ ކްރައިޓޭރިއޭއަށް ފެތުމާއި އެޗްޑީސީގެ ފައިނޭންޝިއަލް ކްރައިޓޭރިއާއަށް ފެތުން ހިމެނޭ ކަމަށް އެޗްޑީސީން ފާހަގަކޮށްފައިވެއެވެ.
ފުރަތަމަ އެޗްޑީސީއިން ބަލާނީ ހައުސިން މިނިސްޓްރީއިން ކަނޑައަޅާފައިވާ ކެޓަގަރީއަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ޝަރުތުހަމަވޭތޯއާއި، މިހާތަނަށް ހުށަހެޅިފައިވާ 1،413 އެޕްލިލޭޝަންގެ ތެރެއިން 723 އެޕްލިކޭޝަންއަކީ މިނިސްޓްރީގެ ކްރައިޓޭރިއާ ހަމަވާ ފަރާތްތައްތޯ އެ ކޯޕަރޭޝަނުން ބަލާނެކަމަށް ބުނެފައިވެއެވެ.
ވިނަރެސް ފްލެޓްތަކީ މެދުފަންތިއަށް ޚާއްސަކޮށްފައިވާ މަޝްރޫއެއްކަން ފާހަގަކުރައްވަމުން އެޗްޑީސީން ބުނެފައިވަނީ، ލޯނު އެގްރީމެންޓް ހެދިގެން ދަނީ އެޗްޑީސީއާއި އެކުގައި ކަމަށެވެ. ފްލެޓް ލޯނަށް ފައިސާ ދެއްކޭވަރަށް ވަގުތީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް އާމްދަނީ ލިބޭތޯ އެޗްޑީސީއިން ކަށަވަރު ކުރަމުންދާނެ ކަމަށްވެސް އެފަރާތުން ހާމަކޮށްފައިވެއެވެ.
ވަގުތީ ލިސްޓްގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން ވެސް އެޗްޑީސީގެ ފައިނޭންޝިއަލް ކެޓަގަރީއަށް ޝަރުތު ހަމަނުވާ ފަރާތްތައް އުނިކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެޗްޑީސީއިން ބުނެފައިވެއެވެ.
ވިނަރެސް ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލީ މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް އެކަނިކަން ފާހަގަކޮށްލެވެއެވެ.
އެޗްޑީސީން ނެރުނު އުސޫލުގައިވާ ގޮތުން ފްލެޓަށް އެދި ހުށަހެޅުމުގެ ކުރިން މާލޭގައި 600 އަކަފޫޓަށް ވުރެ ބޮޑު ހައުސިން ޔުނިޓެއް ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާފައިވާ މީހަކަށް ވެގެން ނުވާނެކަމަށް ޝަރުތުތަކުގައި ބަޔާންކޮށްފައިވެއެވެ.
އަދި ފްލެޓަށް އެދޭ ފަރާތަކަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީ 61،000ރ. އަށް ވުރެ އިތުރު ނަމަ، މި ސްކީމުގެ ދަށުން ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތެއް ނުލިބޭނެކަމަށް އެޗްޑީސީން ވަނީ ކަނޑައަޅާފައެވެ.